ޚަބަރު

ބަޖެޓް ބަހުސް މާދަމާ ފަށަނީ، ބުރާސްފަތި ދުވަހާއި ހަމައަށް ކުރިއަށްދާނެ


އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓްގެ ބަހުސް މަރުހަލާ މާދަމާ ފެށުމަށް ތަޢާވަލުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ހުށަހެޅުމަށްފަހު މެމްބަރުން ބަޖެޓް ދިރާސާ ކުރުމަށް ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފައެވެ. ތަޅުމުގައި ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާ މާދަމަ ފެށުމަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ބަޖެޓު ބަހުސް މަރުހަލާގައި ޖަލްސާތައް ރޭގަނޑާއި ހަމައަށް ކުރިއަށްދާނެކަމަށްވެސް އީވާ ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި ކޮންމެ މެމްބަރަކަށް 15 މިނިޓްގެ ވަގުތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބަޖެޓް ބަހުސް މަދާމާއިން ފެށިގެން ބުރާސްފަތު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުޤައްރިރަކަށް މިފަހަރުވެސް ކަނޑައަޅާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒްއެވެ. ކޮމިޓީގެ ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިނެވެ.

ބަޖެޓްގެ ބަހުސްއަށްފަހު ކޮމެޓީ މަރުހަލާގެ މަސައްކަތް ނިންމައި މަޖިލީހުން ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުންކަމަށެވެ. އަދި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުމަށާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.