ޚަބަރު

ގޮއިދޫ އިސްމެޖިސްޓްރޭޓް ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް


ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު، މަޤަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވައިފިއެވެ.

ޤާޟީ ނިޝާރު ވަކިކުރަން ނިންމާފައިވަނީ އޭނާގެ ވިޔަފާރީގެ މަސްލަހަތު އޮތް މައްސަލައެއްގައި ނާޖާއިޒް މަންފާ ހޯދުމަށް މަސައްކަތްކުރިކަން ޖޭއެސްސީއަށް ސާބިތުވުމާއި ގުޅިގެންނެވެ. ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވާ މިމައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ޖުޑީޝަރީ ކޮމެޓީއަށެވެ.

ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު މަޤާމުން ވަކިކުރަން ނިންމެވީ، ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ ޤަޟިއްޔާ ބެލުމުން އަހުމަދު ނިޝާރު ތަނާޒުލުވުމުން އެ ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް، އަޙުމަދު ނިޝާރު އަމިއްލައަށް އެ ޤަޟިއްޔާ ބެލުމާ އަލުން ޙަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާޢަތާ ކަނޑައެޅިގެން ޚިލާފަށްކަމަށް ސާބިތުވާތީކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ، އިސްމެޖިސްޓްރޭޓް އަޙުމަދު ނިޝާރު އަމިއްލައަށް ޙަވާލުވެ ޝަރީއަތް ހިންގާފައި ވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމައެގޮތުގައި ދެމިއޮއްވާކަމަށާއި، މިއީވެސް ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށެވެ. އަދި ފަހުން އެ ޤަޟިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތާއި، މި މައްސަލާގައި ހިނގާފައިވާ އެހެންވެސް ކަންކަމަށް ބަލާއިރު، މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ޙަވާލުވީކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. އަދި އެ ޤަޟިއްޔާ ހިންގާފައިވަނީ އަޙުމަދު ނިޝާރާއި އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން، މަޤާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއީޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށްވެސް ޖޭއެސްސީގެ ނިންމުމުގައިވެއެވެ.