ޚަބަރު

ޝާހިދުގެ ސާބިއާ ދަތުރުފުޅާއެކު ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް


ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސަބިއާއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހި ޒުވާނުންނަށް ތައުލީމާއި ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ފަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މިނިސްޓަރ ޝާހިދު މި މަޝްވަރާތައް ބާއްވާފައިވަނީ ސަރބިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް ސަރބިއާ، އިވިއްސާ ޑޭސިކްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ..

ސާބިއާގެ ފޮރިން މިނިސްޓަރަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ރާއްޖެއާއި ސަރބިއާއި އާއި ދެމެދު ވިސާ ނެގުމެއް ނެތި ދަތުރުކުރެވޭނެ ގޮތެއް ހޯދުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނޭކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ސަރބިއާއި އާއި ދެމެދު އޮންއެރައިވަލް ވީސާ ހަމަޖެއްސުމާއި ގުޅޭގޮތުން ރާއްޖެއިން ޝައުގުވެރިކަން ފާޅުކުރުމާއި ގުޅިގެން މިކަމާއި މެދު ސަރބިއާ ސަރުކާރުން މަޝްވަރާކުރާނެކަމަށް އެ ޤައުމުގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ތަޢުލީމީ ދާއިރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ސިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ. މިގޮތުން ސަރބިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ސްކޯލަރޝިޕްގެ ފުރުސަތުތައް އިތުރުކުރުމަށް އެޤައުމުން ތައްޔާރަށް އޮތްކަން ވަނީ ހާމަކޮށްފައެވެ.

ސްކޮލަޝިޕްގެ އިތުރުން ސަރބިއާގެ ހާރިޖީ ވަޒީރު ވަނީ ކުޅިވަރުގެ ދާއިރާއިން 20 އާއި 25 އާއި ދެމެދުގެ ޢަދަދަކަށް ކުޅުންތެރިކަން ތަމްރީންކުރުމުގެ ފުރުސަތު ދިނުމަށް ތައްޔާރަށް އޮތްކަންވެސް ހާމަކޮށްފައެވެ. މިގޮތުން އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދު ކުދިން، ވޮލީއާއި ފުޅުބޯޅައާއި ހޭންޑްބޯޅައިގެ ދާއިރާއިން ސާބިއާގައި ތަމްރީން ކުރުމުގެ ފުރުޞަތު އެ ޤައުމުން ވަނީ ހުޅުވާލާފައެވެ.

ފޮރިންގ މިނިސްޓަރގެ މިދަތުރުފުޅުގައި ވަނީ ރާއްޖެއާއި ސަރބިއާއާ ދެމެދު ސިޔާސީގޮތުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވެސް އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. މި އެމްއޯޔޫގެ ސަބަބުން ދެޤައުމުން ޝައުގުވެރިވާ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މިހާރަށްވުރެ ބޮޑަށް ފަސޭހަވެގެންދާނެއެވެ.

ފޮރިންގ މިނިސްޓަރ ސަރބިއާއަށް ވަޑައިގަތީ އެޤައުމުގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް ސަރބިއާ އިވިއްސާ ޑޭސިކްގެ ދަޢުވަތަކަށެވެ.

ފޮރިންގ މިނިސްޓަރ ސަރބިއާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވްލަޑްމިއަރ އޯލެކްއާއި މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.