ދުނިޔޭގެ ވިޔަފާރި

ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާގެ ކުންފުނިތަކަށް ދީފި


2022 އިން 2023 ވަނަ އަހަރުގެ ނިޔަލަށް 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓުކުރުމުގެ ހުއްދަ އިންޑިއާއިން އެ ގައުމުގެ ކުންފުނިތަކަށް ދީފިއެވެ.

އިންޑިއާ ސަރުކާރުން ކުންފުނިތަކަށް ހަކުރު އެކްސްޕޯޓުކުރުމުގެ ހުއްދަ ދީފައި މިވަނީ ހަކުރު އެކްސްޕޯޓުކުރުން މަނާކޮށްފައި ބޭއްވުމަށްފަހުއެވެ. އެގޮތަށް މަނާކޮށްފައި ވަނީ އެތެރޭގެ ބޭނުންތަކަށް ފުދޭވަރަށް ހަކުރު ލިބޭނެކަން ޔަގީން ކުރުމަށްކަމަށް ސަރުކާރުން ބުނެއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު އެގައުމުގެ ކުންފުނިތަކުން 6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ ހޮނިހިރު ދުވަހު އިންޑިއާއިން ވަނީ ދީފައެވެ. ހަކުރު އެކްސްޕޯޓުކުރުމުގެ ހުއްދަ އިންޑިއާއިން ކުންފުނިތަކަށް އެންމެ ގިނައިން ދިނީ 2021 އިން 2022 ވަނަ އަހަރުގެ ނިޔަލަށެވެ. އެ އަހަރު ވަނީ 11 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓުކުރުމުގެ ހުއްދަ ކުންފުނިތަކަށް ދީފައެވެ.

އިންޑިއާ އަކީ ދުނިޔޭގައި އެންމެ ގިނައިން ހަކުރު އުފައްދާ ގައުމެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓުކުރާ ގައުމެވެ.

6 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓުކުރުމުގެ ހުއްދަ އިންޑިއާއިން ދިނީ ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ހަކުރު އުފައްދާފައިވާ މިންވަރަށް ބަލާފައިކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ތަނުގައި މިއަދަދަށް ބަދަލު އަންނާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވާއިރު، އަހަރުގެ ފަހުކޮޅު މި އަދަދަށް ބަދަލު އައުން އެކަށީގެންވާކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ފެށުނު ސީޒަންގައި އިންޑިއާއިން 36.5 މިލިއަން ޓަނުގެ ހަކުރު އުފައްދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާތަނަށް ލިބިފައިވާ ހިސާބުތަކަށް ބަލާއިރު އޮކްޓޫބަރު މަހު އެކަނިވެސް 4.05 ލައްކަ ޓަނުގެ ހަކުރު އުފައްދާފައިވާ ކަމަށް އިންޑިއާގެ ނޭޝަނަލް ފެޑަރޭޝަން އޮފް ކޯޕަރޭޓިވް ޝުގަރ ފެކްޓްރީޒް ލިމިޓެޑްއިން ބުނެއެވެ.