ޚަބަރު

މޭރީގެ މަރު: ދެ ހެކިވެރިއެއްގެ ހެކިބަސް ނަގައި، ޕޭޝަންޓުގެ ޗާޓު ހޯދުމަށް ފަހު ފުރުސަތުދީފި


މިދިޔަ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލާފައިވާ، އައިޖީއެމްއެޗުގެ ނަރުސް، މޭރީ ގްރޭސް ދިރިއުޅެމުންދިޔަ މއ.އުދުހޭކޮކާގޭގެ ސިޑިކައިރިން އޭނާ މަރުވި ދުވަހު އަޑެއް އިވިފައިވާ ކަމަށް މިއަދު ދައުލަތުގެ ފަރާތުން ހެކިބަސް ދިން ދެމީހަކު ބުނެފިއެވެ.

މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މޭރީ މަރާލި މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. އޭރު އޭނާ ބުނީ މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީކަމަށެވެ. މޭރީގެ މަރުގެ މައްސަލާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައިވާ ގޮތުން މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިންއާއި އޭނާގެ ލޯބިވެރިޔާ ޅ.ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާން ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ދަނީ ކުރިއަށެވެ. މިއަދުގެ އަޑު އެހުމުގައި ހެކިބަސް ދިން ދެމީހުންގެ ތެރެއިން އެކަކު ބުނެފައިވަނީ ސްކޫލު ނިންމާފައި ދަރިފުޅު ގޮވައިގެން ގެއަށް އައިސް ސިޑިން އަރަނިކޮށް އަޑެއްއިވިގެން ދަރިފުޅު އޭނާގާތު ސުވާލު ކުރިކަމަށެވެ. އަދި އަޑުއިވުނީ ކޮން ދިމާލަކުންތޯ ބެލުމަށް މަސައްކަތް ކުރިނަމަވެސް އެއްވެސް މީހަކު ފެންނަން ނެތުމުން ސިޑިން މައްޗަށް އެރީކަމަށެވެ.

ހެކިބަސްދިން އަނެއް މީހާ ބުނެފައިވަނީ އެގެއަކީ ކޮންމެ މީހަކަށް ވަދެނިކުމެވޭހެން ހުންނަ ގެއް ނޫންކަމަށެވެ. ގެއަށް ވަދެވެނީ ވަންނަން ބޭނުންކުރާ ޓެގް ބޭނުން ކޮށްގެންކަމަށެވެ. އޭނާ ސިޑިން ތިރިއަށް ފޭބިއިރު އެއްވެސް މީހަކާއި ދިމާނުވާކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. އޭނާ ފޭބި ގަޑިއަކީ މެންދުރު ސްކޫލު ނިންމާފައި މަންމައާއި ކޮއްކޮ ގޭކައިރީގައި ތިބި ވަގުތުކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މިއަދުގެ ޝަރީއަތުގައި މިމައްސަލަ ބައްލަބާ ޤާޟީ ވަނީ މޭރީ ގްރޭސް އައިޖީއެޗަށް ގެންގޮސް، ދިން ފަރުވާގެ ޕޭޝަންޓު ޗާޓުތަކުގެ މައުލޫމާތު ސާފުކުރުމަށް ދައުލަތަށް ފުރުސަތު ދިނުމަށްފަހު އެފުރުސަތުގައި އެކަން ސާފުނުކޮށް ދެވިއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ހާޒިރުކޮށްގެން މައުލޫމާތު ސާފުކުރާނެކަމަށް ވިދާޅުވެފައެވެ.

ޕޭޝަންޓުގެ ޗާޓު ނެތިގެން ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަސް ނެގުމަށް ލަމްހާގެ ވަކީލުން އިއުތިރާޒު ކުރުމުން ޝަރީއަތުން ވަނީ އެއިއުތިރާޒު ބަލައިގަނެފައެވެ. މިމައްސަލަ ބައްލަވާ ޤާޟީ ހުސެއިން ފާޒިރު ރަޝާދު ވިދާޅުވީ މާދަމާގެ ނިޔަލަށް ޕޭޝަންޓު ޗާޓުގެ މައުލޫމާތު ހިއްސާ ކުރެވެން ވާނެކަމަށެވެ. އެކަން މާދަމާގެ ނިޔަލަށް ނުވެއްޖެނަމަ އައިޖީއެމްއެޗްގެ ވެރިން ހާޒިރުކޮށް މައުލޫމާތު ސާފު ކުރާނެކަމަށް ޤާޟީ ވިދާޅުވިއެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް އިތުރު 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. މިމައްސަލައިގެ އަޑު އެހުމެއް ބޭއްވުމަށް ދެން ތާވަލް ކޮށްފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.