ޚަބަރު

ޖިންސީ ކުށުގެ މައްސަލަތައް ޝަރީޢަތުން ބަލާނެ ގޮތުގެ ޤަވާއިދެއް އެކުލަވާލައިފި


ޖިންސީ ކުށުގެ މައްސަލަތައް ޝަރީޢަތުން ބަލަންޖެހޭ ގޮތް ބަޔާންކޮށް، "ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދު" ޢާންމުކޮށް ޢަމަލުކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޢާންމުކޮށްފައިވާ މި ޤަވާއިދުގެ މަޤްޞަދަކީ ޖިންސީ ކުށުގެ ޤާނޫނުން ޖިންސީ ކުށްތަކާގުޅިގެން ޢަމަލުކުރުމަށް އެކަށައެޅިފައިވާ ޚާއްޞަ ނިޒާމުގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭ އުސޫލުތައް ބަޔާންކޮށް، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ރައްކައުތެރިކަމުގެ އަމުރު ނެރުމުގެ އުސޫލުތައް ބަޔާންކުރުމެވެ. މީގެ އިތުރުން ޖިންސީ ކުށުގެ ޤާނުނުގެ ދަށުން ޖިންސީ ކުށްތަކާ ގުޅޭ ޝަރީޢަތް ކުރުމުގެ އުސޫލުތައް ބަޔާންކުރުމާއި، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ބަދަލު ނަގައިދޭނެ އުސޫލުތައް ބަޔާންކުރުމަކީވެސް މި ޤަވާއިދުގެ މަޤްޞަދެއްކަމަށް ބުނެފައިވެއެވެ.

މި ޤަވާއިދުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށަހަޅައި، ރަޖިސްޓަރީވާ ތާރީޚުން ފެށިގެން ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި އެ މައްސަލައިގައި ކޯޓުން ޙުކުމެއް ކުރަންވާނެކަމަށެވެ. އަދި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކުރާ ޙުކުމެއް އިސްތިއުނާފުކުރުމަށް އެދި މައްސަލަ ހުށަހަޅައި، ރަޖިސްޓަރީވާ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރައްކައުތެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ހުށަހެޅުމެއް ހުށަހެޅޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެ އަމުރު ކުރުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެކަމަށްވެސް މި ޤަވާއިދުގައި ބަޔާންކުރެއެވެ. އަދި އެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށްވެސް ޤަވައިދުގައި ބުނެފައިވެއެވެ.

ރަައްކައުތެރިކަމުގެ އަމުރާމެދު ކޯޓުން ނިންމާ ގޮތަކީ އެ އަމުރު ކުރުންކަމަށްވާނަމަ، އެ އަމުރުގެ އަސްލެއް އަމުރު ރައްދުވާ ފަރާތަށް ވީ އެންމެ އަވަހަކަށް ކޯޓުން ފޯރުކޮށްދޭން ވާނެކަމަށާއި، އަމުރު ރައްދުވާ ފަރާތަކީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުއްޖެއްނަމަ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޒިންމާދާރު ބަލަދުވެރިއަކު ނުވަތަ އެނޫންވެސް އެފަދަ ކުއްޖަކު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކާ ނުވަތަ ކުއްޖާގެ މަޞްލަޙަތުގައި މަސައްކަތްކުރާ ފަރާތަކާ އެ އަމުރުގެ އަސްލެއް ފޯރުކޮށްދޭންވާނެކަމަށްވެސް ޤަވައިދުގައި ބުނެފައިވެއެވެ.

ކުށުގެ ޝިކާރައަށްވީ މީހާގެ ހެކިބަސް ނެގުން

މި ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި ކުށުގެ ޝިކާރައަށްވީ މީހާ ކޯޓަށް ހާޒިރުކުރުމުގައި ނަފްސާނީގޮތުން އޭނާ އިތުރަށް ބަލިކަށިވިޔަ ނުދިނުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތާއި ކުށުގެ ޝިކާރައަށްވީ މީހާ، އެއް ހާޒިރެއްގައި ތިބުމުގެ ބަދަލުގައި، ކޯޓުގެ ދެ ތަނެއްގައި ތިބުމުގެ އިންތިޒާމު ކޯޓުން ހަމަޖައްސަންވާނެކަމަށެވެ.

އަދި ކުށުގެ ޝިކާރައަށްވީ މީހާއަށް ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން އޭނާއަށް ތުހުމަތުކުރެވޭ މީހާ ނުފެންނަ ގޮތަށް ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންގޮސް، ހެކިބަސް ނެގިދާނެކަމަށާއި، މިގޮތަށް ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދަންވާނީ، އޯޑިއޯ ވީޑިއޯ ލިންކުގެ އެހީގައި ޝަރީޢަތް ހިންގާ ކޯޓުގެ މާލަމާއި ކުށުގެ ޝިކާރައަށްވީ މީހާ ހުރި މާލަމަކާ ގުޅުވައިލައިގެންކަމަށްވެސް ޤަވާއިދުގައި ބަޔާންކުރެއެވެ.

މި ޤަވާއިދުގައި ބުނެފައިވާގޮތުގައި ކުށުގެ ޝިކާރައަށްވީ މީހަކު މައްސަލައިގެ ހެކިބަސްދޭ ހާލަތުގައި ކްރޮސް އެގްޒަމައިންކުރުމާއި ރީ-އެގްޒަމައިންކުރުމުގެ ގޮތުން ސުވާލުކުރަންވާނީ އާންމު އުސޫލުން ހެތްކަކާ ސުވާލުކުރާ ހާލަތަށްވުރެ ޚާއްޞަ ފަރުވާތެރިކަމަކާއެކުގައިަކަމަށެވެ. މިފަދައިން ސުވާލުކޮށް ހެދުމުގައި ޢިބާރާތްތަކާއި ބަސްމަގު ބައްޓަންކުރުމުގައި ކުށުގެ ޝިކާރައަށްވީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ނުކުރާނެ ފަދަ ގޮތަކަށް އޭނާއާ ސުވާލުކުރުމަށް މައްސަލައިގެ ޚަޞްމުންނާއި، ވަކީލުންނާއި ކޯޓުން ޚާއްޞަ ސަމާލުކަމެއް
ދޭންވާނެކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.

ކުޑަކުދިންގެ ހެކިބަސް ނެގުނޭނެ އުސޫލެއް

ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކުޑަކުދިންގެ ހެކިބަސް ނެގުމުގައި އެ ކުދިންނަށް ރައްކައުތެރިކަމާއި ޙިމާޔަތް ލިބިދިނުމަށް ކޯޓުން ޚާއްޞަ ސަމާލުކަމެއް ދޭންވާނެކަމަށް ޤަވާއިދުގައިވެއެވެ.

ކުޑަކުއްޖެއްގެ ހެކިބަސް ކޯޓުން ހޯދާކަމަށްވާނަމަ، އެ ކުއްޖެއްގެ ހެކިބަސް ހޯދަންވާނީ، ކޯޓުން ބޭރުގައި، ޝަރީޢަތުގެ މަޖިލީހުން ބޭރުގައި، އެ ކުއްޖާއަށް ފަރިތަ މާޙައުލެއްގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ފަރާތެއްގެ ހާޒިރުގައިކަމަށްވެސް ބުނެފައިވެއެވެ. އަދި އިންޓަރވިއުކޮށްގެން، އެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑުކޮށްގެން، ނުވަތަ އެ ކުއްޖަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްނަމަ، އެ ކުއްޖަކު ބުނާ އެއްޗެއް ތަރުޖަމާކޮށްދެވޭނެ ކަމުގެ ޤާބިލުކަންހުރި މީހެއްގެ ހާޒިރުގައި، އެ ކުއްޖާ ދެކެފަރިތަ، އެ ކުއްޖާއަށް އިތުބާރުކުރެވޭ ފަރާތެއްގެ ހާޒިރުގައި އިންޓަރވިއުކޮށްގެން، އެ އިންޓަރވިއުގެ އޯޑިއޯ ވީޑިއޯ ރެކޯޑުކޮށްގެންކަމަށްވެސް ބުނެފައިވެއެވެ. އަދި އެކުއްޖާގެ ހެކިބަސް ހޯދަންވާނީ، އިޖްތިމާޢީ ޚިދުމަތްދޭ ފަރާތެއްގެ މުވައްޒަފެއްގެ ހާޒިރުގައިކަމަށްވެސް މި ޤަވާއިދުގައި ބަޔާންކުރެއެވެ.

ކުއްޖާ ދޭ ހެކިބަހާ ގުޅިގެން މައްސަލައިގެ ޚަޞްމުން ކުއްޖާއާ ސުވާލުކުރަން އެދޭނަމަ، އެ ސުވާލުތައް ކުރަންވާނީ މައްސަލަ ބަލާ ފަނޑިޔާރު ނުވަތަ ކޯޓުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް އެ ޚަސްމަކު ކުރި ސުވާލު އެ ފަރާތުން ކުރިގޮތަށްކަމަށްވެސް ޤަވާއިދުގައިވެއެވެ. އަދި ކުއްޖާއާ ސުވާލުކުރުމުގައި ކުއްޖާއަށް އެއްވެސް އުނދަގުލެއް ކުރިމަތިވާކަމަށް ކޯޓަށް ފާހަގަވެއްޖެނަމަ، އެ ކުއްޖާއާ ސުވާލުކުރުން ވަގުތުން މެދުކަނޑަންވާނެކަމަށާއި، ކުއްޖާއާ ސުވާލުކުރުން އަލުން ފަށަންވާނީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިޢާޔަތްކޮށް، ކުއްޖާއަށް ހެކިބަސް ދެވިދާނެކަން ޔަޤީން ކުރުމަށްފަހުގައިކަމަށްވެސް އަލަށް ޢަމަލުކުރަން ފެށި ޤާވައިދުގައިވެއެވެ.

މި ޤަވާއިދުގައި ބުނެފައިވާގޮތުގައި ޖިންސީ ޝިކާރައަކަށްވި ފަރާތް ނުވަތަ ރޭޕްކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާ ލިބުނު މީހާގެ ތަފްސީލް ހާމަކޮށްގެން ނުވާނެކަމަށެވެ.