ޚަބަރު

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އަންނަމަހު 17ގައި


ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް މިފަހުން ގެނައި ބަދަލާއެކު އެޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމެޓީ އެކުލެވިގެންވާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މިފަހުން ގެނައި އިސްލާހާއިއެކު އެއްރަށަށްވުރެ ގިނަ ރަށްރަށް ހިމެނޭ ދާއިރާތަކުގެ ކޮންމެ ރަށަކުން ދާއިރާގެ ނާއިބު ރައީސް، ސެކްރެޓަރީ، އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އެއް ހޮވަންޖެހެއެވެ. އަދި އެއްރަށުގައި އެއް ދާއިރާ ނުވަތަ އެއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ދާއިރާއަކުން އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އިންތިޚާބުކުރަން ޖެހެއެވެ.

މިމަޤާމްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ބޭފުޅުން އެޕާޓީގެ ވެބްސައިޓްގައިވާ ދާއިރާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު މިމަގުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ ހިންގާ ކޮމެޓީތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދާއިރާގައި ޕާޓީ ބިނާ ކުރުމާއި، ގޮފިތައް ޤާއިމް ކުރުމާއި، ޤައުމީ މަޖިލީހުން ފާސްކުރާ އުސޫލުތަކާއި ސިޔާސަތުތައް ދާއިރާތަކުގައި ތަންފީޒު ކުރުމާއި، ޕާޓީގެ މަސްލަހަތަށް ކުރިއެރުން ލިބޭ ކަންކަން ކުރުން ހިމެނެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ހުޅުވާލާފައިވާއިރު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބު އިއްޔެ ވަނީ ބާއްވާފައެވެ.