ޚަބަރު

"ޒަކާތު ނަފާ" ޕްރޮގްރާމް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި


ރާއްޖެއިން ފަޤީރުކަން ނައްތާލުމުގެ ޢަމާޒުގައި އިސްލާމިކް މިނިސްޓްރީއާއި އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން "ޒަކާތު ނަފާ" ޕްރޮގްރާމް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައިދިނުމަށް ފަށާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހިންގުމުގައި އެކުގައި މަސައްކަތް ކުރުމަށް، އިސްލާމިކް މިނިސްޓްރީއާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޙުމަދު އާދިލްއެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ، އެގްރޯނެޓްގެ ފަރާތުން ޑެޕިއުޓީ އެމްޑީ މުޙައްމަދު އަޙުމަދުފުޅު އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޢަލީ އާނިފް ވަނީ ސޮއިކޮށްފައެވެ.

"ޒަކާތު ނަފާ" ޕްރޮގްރާމަކީ ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލުމަށް ފަށާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ 2021ވަނަ އަހަރުގެ ފަގީރުގެ ދަފްރަތުގައި ތިބި މީހުންނަށެވެ. ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި 7763 މީހުން ހިމެނެއެވެ.

"ޒަކާތު ނަފާ" ޕްރޮގްތާމަކީ އެފަދަ އާއިލާތަކަށް މާލީ އެހީ ފޯރުކޮށްދީ، ވިޔަފާރިއެއް ފެނޭނެ މަގު ތަނަވަސްކުރުމަށް ފަށާ ބޮޑު ޕްރޮގްރާމެކެވެ.

ނަފާ ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު އަލީ ވިދާޅުވީ، ޕްރޮގްރާމް ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މި ޕްރޮގްރާމްގައި ބައިވެރިކުރަނީ، އެ ރަށެއްގައި ފަގީރުގެ ގޭބިސީ 10އަށްވުރެ ދަށް ރަށްތަކެވެ. ފަގީރުގެ ގޭބިސީ 10އަށްވުރެ ދަށް 96 ރަށް ރާއްޖޭގައި އެބައޮތެވެ. ފުރަތަމަ ބުރުގައި މި ރަށްތަކުގެ 350 ގޭބިސީ ހިމެނެއެވެ. އެއީ ފަގީރުންގެ އާބާދީ 1077އެވެ.

"މިއީ ރާއްޖެއިން ފަގީރުކަން ނައްތާލުމަށް ހިންގާ ޕްރޮގްރާމެއް. ހަމައެކަނި މާލީ އެހީއެއް ނޫން ދެނީ. ބޭނުންވާ ތަކެއްޗާ، ޓެރެއިނިން އާއި، އަދި ވިޔަފާރިތަކުން އުފައްދާ ތަކެތި ވިއްކޭނެ މަގުވެސް ފަހިކޮށްދޭނަން." މިނިސްޓަރ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި ކޮންމެ ގޭބިސީއަކަށް 150000އާ ހަމައަށް މާލީ އެހީ ދޭނެއެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ޒަކާތު ފަންޑުން މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ބޭނުމަކީ މި އާއިލާތައްވެސް ޒަކާތް ދެއްކޭ ތަނަވަސްކަމަށް ގެނައުންކަމަށެވެ.

ޕްރޮގްރާމްގައި އާއިލާތައް ބައިވެރިކޮށް، އާމްދަނީ ހޯދުމަށް ވިޔަފާރިއެއް ފެށޭނެ ގޮތް ހޯދައިދިނުމަށް، ބީސީސީއާއި އެގްރޯނެޓް އަދި ކައުންސިލްތައް ގުޅިގެން ވަނީ މަސައްކަތްތައް ފަށާފައެވެ. ވިޔަފާރިއެއް ކުރެވޭނެ ހާލަތެއްގައި ނެތް އާއިލާތަކަށް، އެމީހުން ދިރިއުޅޭ ގޭ ގެއިން ކުއްޔަށް ދިނުމަށް ކޮޓަރި ހަދާ، ދޫކުރުންފަދަ އެހީތައްވެސް މީގެތެރޭގައި ހިމެނެއެވެ.

ސަރުކާރުން ޢަމާޒު ހިފާފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ ޢަމަލީ މަސައްކަތްތައް ރަށްރަށުގައި ފެށުމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރާ އެހީއަކީ ހިލޭ އެހީއެވެ. ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު، ފަގީރުންގެ ލިސްޓުން ރާއްޖޭގެ 96 ރަށް އުނިވާނެއެވެ.

ރާއްޖޭގައި ބައެއް ރަށްތަކުގައި ފަގީރުންގެ އާބާދީ، 50 ގޭބިސީން މަތީގައިވެސް އެބަހުއްޓެވެ. ރޮގްރާމްގެ އެންމެ ފަހު ފިޔަވަހިތަށް ޢަމާޒުކުރާނީ ފަގީރުންގެ އާބާދީ ބޮޑު ރަށްތަކަށެވެ. "ޒަކާތު ނަފާ" ޕްރޮގްރާމްގެ އުސޫލުވަނީ ގެޒެޓްކޮށްފައެވެ.