ޚަބަރު

ރަޝީދުގެ ޖަނާޒާ ބާއްވައިފި


ފުލުހުންގެ ހައްޔަރުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދުގެ ޖަނާޒާ ބާއްވައިފިއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ނިޔާވި ޢަބްދުﷲ ރަޝީދު ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިދިޔަމަހުގެ 31 ވަނަ ދުވަހުއެވެ.

ޕޯސްޓްމޯޓަމަށްފަހު މިއަދު ރަޝީދުގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު، އޭނާގެ ޖަނާޒާ ބޭއްވީ މަޢްރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ރަޝީދު ނިޔާވުމުން އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނުން މިހާރު އަންނަނީ ތަޙުޤީޤުކުރަމުންނެވެ.

ފުލުހުން ވިދާޅުވީ، އޭނާ ނިޔާވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.