ޚަބަރު

ޑަބްލިއުޑީސީތައް ރަނގަޅަށް ނުހިނގާ ސަބަބު ދެނެގަތުމަށް ދިރާސާއެއް


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ނުހިނގަނީ ކީއްވެގެންތޯ ދެނެގަތުމަށް ދިރާސާއެއް ހަދަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާ ދިނުމާއި، ކޮމިޓީތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިނގާ މައްސަލަ ބޮޑުވެފައިވާތީ، އެ މައްސަލަ ހައްލުކުރަން މަޖިލީހަށް އިސްލާހެއް ހުށަހަޅައި އެ ބިލު މިހާރު ވަނީ ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން ޕީ.އެސް.އެމް ނިއުސްގެ ބާބު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލާމަރުކަޒީ ކޮމިޓީގެވެސް މުޤައްރި އަލީ ނިޔާޒު ވިދާޅުވީ އަންހެނުންގެ ކޮމިޓީތައް ރަނގަޅަށް ނުހިނގާ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ، އެކަންކަން ހައްލުކުރުމަށް ވެސް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ އިރު، މިހާރު އޮތް ފޯމެޓު ބަދަލުކުރުމާ މެދު ގޮތް ނިންމާނީ ދިރާސާއަށް ފަހު ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީތައް އިންތިޚާބުކުރި ފަހުން، ގިނަ ބައިއިލެކްޝަންތަކެއް ބާއްވާފައިވާކަން ފާހަގަކުރައްވާ ނިޔާޒް ވަނީ ޑަބްލިއުޑީސީތަކަށް މިހާރު ދިމާވާ ބައެއް މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މައިގަނޑު އެއް މައްސަލައަކީ އެއީ ޕާޓް ޓައިމް މަސައްކަތަކަށް ވެފައި މުސާރައިގެ މައްސަލަކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. ލާމަރުކަޒީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މިހާރު ވެސް ވަރަށް ގިނަ ޝަކުވާތައް ލިބިފައި އެބަހުރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ޕާޓް ޓައިމް އުސޫލުން މިކަން އޮތުމުން އެއް ބަޔަކަށް ލިބޭ ފައިދާ އާއި އަނެއް ބަޔަކަށް ލިބޭ ގެއްލުމަކީ މިކަމުގައި ގިނަ ބައެއްގެ ޝައުގު ކުޑަވާ އެއް ސަބަބު ކަމަށެވެ.

ޕާޓް ޓައިމް މަސައްކަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ކަމަކަށްވާތީ، ކޮމިޓީ މެމްބަރުންނަށް ލިބޭ މުސާރަ ވަރަށް ކުޑަކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ، އެ އުސޫލަކީ ރަށުގެ އަންހެނުންގެ ތަރައްޤީއަށް ހުސްވެގެން އެކަމަށް މަސައްކަތްކުރާ މީހުންނަށް އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ. އެއާ ޚިލާފަށް އެކި ވަޒީފާތަކުގައި ތިބޭ މީހުންނަށް ވެސް ކޮމިޓީގައި ތިބެވޭއިރު އެމީހުންނަށް މީގެ ސަބަބުން މާލީ އެތައް ފައިދާއެއް ވާކަން ނިޔާޒު ފާހަގަކުރެއްވިއެވެ.

ނިޔާޒް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީވެސް އެކަށީގެންވާ ބަޖެޓެއް ދީގެން، ކައުންސިލްތައް ހިންގާ ގޮތަށް ހަރުދަނާ އުސޫލެއްގައި ހިންގަން ޖެހޭ ކޮމިޓީއެއް ކަމަށެވެ. އެ ކޮމިޓީތައް ހިންގުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ނިޔާޒު ވިދާޅުވީ، މިހާރު ވެސް މަޖިލީހުގައި ކޮމިޓީއާ ގުޅުންހުރި 2 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު، ދިރާސާއަށް ފަހު އެ ދެބިލުގެ މަސައްކަތްތަކުގެ ތެރެއިން އިސްލާހުތައް ގެންނަން މަސައްކަތްކުރައްވާނެ ކަމަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން އަވަސް އަވަހަށް އިސްތިއުފާ ދޭ މައްސަލަ ބޮޑުވެ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓަށް އޭގެ ސަބަބުން ބާރުބޮޑުވެފައިވާ ކަމުގެ ޝަކުވާ ކޮމިޝަނުން ވެސް ކޮށްފައިވާއިރު، މިހާރު ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައި ވަނީ އަހަރަކު އެއް ފަހަރު ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ ގޮތަށެވެ. ނަމަވެސް މި އިސްލާހުގެ ސަބަބުން ކޮމިޓީތައް ހިންގުމަށް ދިމާވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެކަން މަޖިލީހުގެ މެމްބަރުން ފަހަގަކުރެއެވެ.