ދުނިޔޭގެ ވިޔަފާރި

ލަފާކުރި ވަރަށްވުރެ އިތުރަށް ކެނެޑާގައި ވަޒީފާތައް އިތުރުވެއްޖެ


ލަފާކުރި ވަރަށްވުރެ އިތުރަށް މިދިޔަ އޮކްޓޫބަރު މަހު ކެނެޑާގައި ވަޒީފާ އިތުރުވެއްޖެއެވެ.

ކެނެޑާގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި ވަޒީފާތައް އިތުރުވާނެކަމަށް ލަފާކުރި އަދަދަށްވުރެ 10 ގުނަ އިތުރަށް ކެނެޑާގައި ވަޒީފާތައް ވަނީ އިތުރުވެފައެވެ. މިއާއެކު ވަޒީފާ ނެތް މީހުންގެ ނިސްބަތަށް އެއްވެސް ބަދަލެއް ނާންނަކަމުގައިވެސް ހިސާބުތަކުން ދައްކައެވެ.

ސްޓެޓިސްޓިކް ކެނެޑާގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮކްޓޫބަރުމަހު ކެނެޑާގެ އިޤްތިޞާދަށް ވަނީ 108300 ވަޒީފާ އިތުރުކޮށްފައެވެ. އޮކްޓޫބަރު މަހު އިތުރުވާނީ 10000 ވަޒީފާ ކަމަށް މީގެކުރިން ކެނެޑާއިން ވަނީ ލަފާކޮށްފައެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް ހުރީ ކުރިން ހުރި އަދަދު ކަމަށްވާ %5.2 ގައި ކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

ހީވެސްނުކުރާ މިންވަރަށް ކެނެޑާގައި ވަޒީފާތައް އިތުރުވެފައި މިވަނީ، އެ ޤައުމުގެ މަރުކަޒީ ބޭންކުން އިންޓަރެސްޓު ރޭޓު މަތިކުރިތާ ހަފްތާއެއް ފަހުންނެވެ.

ދާއިމީ ވަޒީފާތަކުގައި ތިބޭ މީހުންނަށް ގަޑިއިރަކަށް ލިބޭ މުސާރަ އޮކްޓޫބަރު މަހު ވަނީ %5.5 އަށް އިތުރުވެފައެވެ. މީގެއިތުރުން ހިޖްރަކުރުން އިތުރުވުމުން އޮކްޓޫބަރު މަހު ކެނެޑާގައި ޖުމްލަ މަސައްކަތްތެރިންގެ އަދަދު ވަނީ މީގެކުރިން ދުވަހަކުވެސް އިތުރު ނުވާ ވަރަށް އިތުރުވެފައެވެ.

ވަޒީފާތައް އިތުރުވެފައިވާއިރު، މަދުން އާމްދަނީ ލިބޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން ބިލިއަނުން ފައިސާ ހޭދަކުރުމަށް ކެނެޑާ ސަރުކާރުން ވަނީ ނިންމާފައެވެ.