ޚަބަރު

"އެވެޓާ" ގެ ދެވަނަ ބައި ޑިސެމްބަރު 16 ގައި، 3 ގަޑިއިރަށްވުރެ ދިގު


މީގެ 13 އަހަރު ކުރިން ރިލީޒްކުރި ޖޭމްސް ކެމެރޮން ޑައިރެކްޓުކޮށްފައިވާ "އެވެޓާ" ގެ ސީކުއަލް 3 ގަޑިއިރަށްވުރެ ދިގުވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސީކުއެލް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" މެގްނަމް އޮޕަސްގެ ރަންޓައިމް އަކީ 3 ގަޑިއިރާއި 10 މިނެޓެވެ. އަދި މިއީ "ޓައިޓެނިކް" އަށް ފަހު މިހާތަނަށް ކެމަރޮންގެ އެންމެ ދިގު އެއް ފިލްމަށްވާނެ ފިލްމެކެވެ. "ޓައިޓެނިކް" ގެ ދިނުމިނަކީ 3 ގަޑިއިރާއި 14 މިނިޓެވެ.

"އެވެޓާ" ގެ އިތުރު 3 ފިލްމެއް ވެސް މި އަހަރުގެ ފިލްމަށް ފަހު ގެނެސްދޭނެ އެވެ. އެއީ 2024، 2026 ގެ އިތުރުން 2028 ގަ އެވެ. އެގޮތުން 3 ވަނަ ފިލްމުގެ ޕްރިންސިޕަލް ފޮޓޮގްރަފީ މިހާރު ނިމިފައިވާއިރު، 4 ވަނަ ފިލްމުގެ އޯޕަނިންގް އެކްޓު ވަނީ ޝޫޓްކޮށް ނިންމާފައެވެ. އަދި 5 ވަނަ ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މިހާރު ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "އެވެޓާ: ވޭ އޮފް ވޯޓާ" އާ ބެހޭ ގޮތުން ކުޅަދާނަ ޑައިރެކްޓަރު ބުނީ ފުރަތަމަ ބަޔަށްވުރެ މި ފިލްމު މާ އިމޯޝަނަލް ވާނެ ކަމަށެވެ.


ކެމެރޮން ބުނި ގޮތުގައި "އެވެޓާ" ގެ ސީކްއެލްތަކެއް ހެދުމަކީ މަސައްކަތުގެ ގޮތުންނާއި ބަޖެޓްގެ ގޮތުން ވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި މިފަދަ ފިލްމެއް ހަދަން ބައިވަރު ވަގުތު ނަގާނެ ކަމަށް އޭނާ ބުންޏެވެ. އެކަމަކު "އެވެޓާ" ގެ ސީކްއެލްތަކަށް ކުރެވުނު މަސައްކަތްތަކާއި ބޮޑު ސްކްރީނުން ބެލުންތެރިންނަށް ތަޖުރިބާކޮށްލަން ލިބޭ ތަފާތު، ހިތަށް ގެނެވުމުން ވަރަށް ބޮޑު އުފާވެރިކަމަކާއި ހިތްހަމަޖެހުމެއް ކަމަށް ގެނުވާ ކަމަށް ބުންޏެވެ.

އޭނާ ބުނީ ގޮތުގައި "އެވެޓާ: ވޭ އޮފް ވޯޓާ" ގެ އެންމެ ޚާއްސަ އެއް ކަމަކަށް ވާނީ ނާވީ ދަރިކޮޅުގެ މީހުންނާ އެކީ ޕެންޑޯރާ ދުނިޔޭގެ ކަނޑު އަޑީގެ ހާދިސާތަކަށް ފިލްމު ބިނާވެފައި އޮތުމެވެ.

ޖުމްލަ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "އެވެޓާ: ވޭ އޮފް ވޯޓާ" ގެ ކާސްޓުން ކުރީގެ ފިލްމުގެ ބައެއް ތަރިންނާ އެކީ އައު ތަރިންތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި "ޓައިޓޭނިކް" ގެ ބަތަލާ ކޭޓް ވިންސްލެޓް ފާހަގަކޮށްލެވެއެވެ.

2009 ގައި ރިލީޒްކުރި "އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ. ފަހުން ރިލީޒްކުރަން ހޭދަކުރި 9 މިލިއަން ޑޮލަރާ އެކީ ޖުމްލަ 246 މިލިއަން ޑޮލަރު ހޭދަކުރި ފިލްމަށް އާމްދަނީގެ ގޮތުގައި 2.847 ބިލިއަން ޑޮލަރު ލިބުނެވެ.

"އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަންނަ މަހުގެ 16 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާއިރު "އެވެޓާ" 3 ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު 20، 2024 ގައެވެ. އޭގެ ފަހުން "އެވެޓާ" 4 ރިލީޒް ކުރަން ޑިސެމްބަރު 18، 2024 ތާވަލުކޮށްފައިވާއިރު، "އެވެޓާ" 5 ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރ 22، 2028 ގައެވެ.