ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމާއެކު، ޤައުމު ބިނާކުރުމުގައި ދެޖިންސަށްވެސް ހަމަހަމަ ފުރުސަތު ކަށަވަރުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ. މިގޮތުން މުޖުތަމަޢުގެ ކަންކަން ބައްޓަން ކުރެވިފައިވާ ގޮތުން އަންހެނުނަށް މިކަމުގައި ގޮންޖެހުން ބޮޑެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިންގެ އިމްތިޙާނުތަކުގައި ހޯދާ ނަތީޖާ ރަނގަޅުކަން ތަފާސްހިސާބުތަކުން ދައްކައެވެ. މަތީ ތަޢުލީމުގެ ފުރުސަތަށް ބަލާއިރުވެސް ވާދަވެރި މާޙައުލުގައި އަންހެން ކުދިން ހޯދާ ކާމިޔާބީވެސް ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް ތަޢުލީމީ ގޮތުން ކިތަންމެ މައްޗަކަށް ކިޔަވައިގެން ހުރިނަމަވެސް ދަރިއެއް ލިބުމަށްފަހު ގިނަ އަންހެނުން ވަޒީފާ ދޫކޮށްދާކަމީވެސް ފެންނަން އޮތް ޙަގީގަތެކެވެ. މިގޮތަށް މެދުވެރިވާ އެއްސަބަބަކީ ދަރިފުޅު ގާތުގައި މަޑުނުކުރެވުމާއި، ގޭގައި ދަރިފުޅަށް އަޅާލާނެ މީހެއްގެ އެހީނުލިބުމެވެ. ނުވަތަ މުސްކުޅި މައިންބަފައިންނާއި އެޒިންމާ ޙަވާލުނުކުރުމެވެ.
އަންހެނުންނަށް ބާރުވެރިކަން ހޯދައިދީ ވަޒީފާ އަދާކުރުމުގެ ފަހި ފުރުސަތު ކަށަވަރުކުރުމަށް ސަރުކާރުން ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން މިހާރު އަންނަނީ އޮފީސް މާޙައުލުގައި ދަރިން ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ފަށައިގެން މިހާރު ނިމުމަކާއި ގާތްވެފައިވަނީ ސަރުކާރުގެ ޙަކަތައިގެ މައި ކުންފުނިކަމަށްވާ ސްޓެލްކޯއެވެ. އެކުންފުނިން ކުރަމުންދާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ ބައްލަވާލައްވާފައެވެ. ސްޓެލްކޯގައި ޑޭކެއާ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ނިމުމަކާއި ގާތްވެފައިވާއިރު އެކަމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިންވަނީ މީގެކުރިން ހާމަކުރައްވާފައެވެ.
ސްޓެލްކޯގެ އިތުރުން އެމްޕީއެލްއިންވެސް ޑޭކެއާ ޤާއިމުކުރުމުގެ މަސައްކަތްއަންނަނީ ކުރަމުންނެވެ. މިދެކުންފުނިންވެސް ޑޭކެއާގެ ޚިދުމަތް މިއަހަރު ނިމުމުގެ ކުރިން ދޭންފަށާނެކަމަށް އެދެކުންފުނިންވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އެޗްޑީސީއިން ހުޅުމާލޭގައި 3000 އަކަފޫޓުގެ 6 ފަންގިފިލައަށް ޑޭކެއާއެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ޑޭކެއަރ ތަރައްޤީ ކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޭނުން ކުރެވޭ ގޮތަށެވެ.
މީގެ އިތުރުން ޑޭ ކެއަރތައް ހެދުމަށް އިތުރު ކުރުންފުނިތަކާއެކުވެސް ޖެންޑަރ މިނިސްޓްރީއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ. ޑޭ ކެއަރ ހެދުމުގެ އުސޫލުވެސް މިނިސްޓްރީއިން ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލަން މަސައްކަތްކުރަމުން އަންނަ ޑޭކެއާތައް މާލޭގައި ޤާއިމުކުރުމަށް ބޭނުންވާ ބިން ނުލިބިގެން އެމަސައްކަތްކުރިއަށްގެންދިޔުމަށް ދަތިތަކެއްވަނީ ކުރިމަތިވެފައެވެ. މިއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ގުޅިގެން އެކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްޓަކައި ޑޭކެއާގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.