ޚަބަރު

މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ބާރުތަކެއްދީ، އެ ދާއިރާ ހަރުދަނާކުރަނީ


މެޑިކަލް ޕްރެކްޓިޝަނުންނާއި ޑެންޓަލް ޕްރެކްޓިޝަނުންނަށް ލައިސެންސް ދޫކުރުމާއި ލައިސަންސް ބާޠިލުކުރުމުގެ ބާރު ލިބިދޭގޮތަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގާ ގަވާއިދު އެކުލަވާލައިފިއެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ހިންގުމުގެ އުސޫލުތަކާއި، ކައުންސިލުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގާ ގަވާއިދަކީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތެރިންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މިގަވާއިދުގެ ދަށުން ރާއްޖޭގައި މެޑިކަލް ޕްރެކްޓިޝަނުންނާއި ޑެންޓަލް ޕްރެކްޓިޝަނުންގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ރަޖިސްޓްރީކުރުމާއި ލައިސެންސް ދިނުމުގެ ޝަރުޠުތައް ކަނޑައެޅުމަކީ ކައުންސިލްގެ ޒިންމާއެކެވެ.

މިގަވާއިދުގެ ދަށުން މިދާއިރާއިން މަސައްކަތްކުރުމަށް އެދޭފަރާތްތަކުގެ ތަޢުލީމީ ފާސްތައް ޤަބޫލުކުރުމުގެ މިންގަނޑުވެސް ކައުންސިލުން ކަނޑައަޅަންޖެހެއެވެ. މިގޮތުން ލައިސެންސް ދޫކުރުމުގައި ކައުންސިލުން ޤަބޫލުކުރާ ތަޢުލީމީ މަރުކަޒުތަކާއި ތަމްރީނުދޭ މަރުކަޒުތަކާއި އެތަންތަނުން ހިނގާ ކޯސްތައް ކަނޑައަޅައި އެކްރެޑިޓްކުރުމަށްވެސް މިގަވާއިދުގެ ދަށުން ކައުންސިލްގެ މައްޗަށް ލާޒިމުކުރެއެވެ.


މިގަވާއިދުގެ ދަށުން ރާއްޖޭގައި ޙަރަކާތްތެރިވާ މެޑިކަލް ޕްރެކްޓިޝަނަރުންނާއި ޑެންޓަލް ޕްރެކްޓިޝަނަރުން ރަޖިސްޓަރީ ކުރުމާއި، އެ މީހުންގެ ރަޖިސްޓްރީ ބާޠިލުކުރުމާއި، ލައިސެންސް ދޫކުރުމާއި ލައިސެންސް ހިފެހެއްޓުމުގެ ފުރިހަމަ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން އެފަރާތްތަކުން މަސައްކަތްކުރާނެ އުސޫލުތަކާއި، ސުލޫކީ މިންގަނޑުތައް ކަނޑައަޅައި އެއާއި ޚިލާފުވާފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ކައުންސިލްގެ ޒިންމާއެކެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ބޯޑުތައް އެކުލަވާލައި ބޯޑަށް މެމްބަރުން ޢައްޔަންކުރުމުގެ ކަންކަން ކުރިއަށްގެންދާނީވެސް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މި ޤަވާއިދުގައި ބަޔާންކުރާ ގޮތުގައި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އެކުލެވިގެން ވަނީ 9 މެންބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިޝަނަރުންގެ ތެރެއިން އައްޔަންކުރާ ތިން މެޑިކަލް ޕްރެކްޓިޝަނަރުންނާއި، ރާއްޖޭގައި މަސައްކަތްކުރާ ޑެންޓަލް ޕްރެކްޓިޝަނަރުންގެ ތެރެއިން މެޑިކަލް ޕްރެކްޓިޝަނަރަކާއި މިނިސްޓަރު އައްޔަންކުރާ ފަރާތެއް ހިމެނެއެވެ. އަދި މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއް ކަމުގައި ނުވާ ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއަކާއި، ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީންކުރާތާ މަދުވެގެން 5އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކާއި، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާތާ 5އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްގެ އިތުރުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއްވެސް އެ ކައުންސިލްގައި ހިމެނެއެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ހިންގާ ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރުމާއެކު މިގަވާއިދަށްވަނީ ޢަމަލުކުރަން ފަށާފައެވެ. ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، ސިއްޙީ ޚިދުމަތްދޭ ތަންތަން ރެގިއުލޭޓްކުރުމުގެ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.