ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް މިހާތަނަށް 150 ހަރަކާތް ހިންގި


މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖުމްލަ 150 ހަރަކާތް ކުރިއަށްގެންގޮސްފައިވާކަަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވަނީ އެ ކުންފުނިން މިއަހަރު ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. ޠައްޔިބު ވިދާޅުވީ، ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގައި އެންމެ ރަނގަޅަށް މެނޭޖްކުރެވި އަދި ފަތުރުވެރިކަން އެންމެ ރަނގަޅަށް ހިންގުނު މަންޒިލަކީ ރާއްޖެ ކަމަށެވެ. މިކަން މިހެން ވެގެންދިޔައީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް މި ސަރުކާރުން ނެންގެވި ހަރުދަނާ ފިޔަވަޅާއި އަދި މި ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ މަސައްކަތުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޯވިޑްގެ ތެރޭގައި ރާއްޖެ އިޝްތިހާތުކުރުމަށް އެމްއެމްޕީއާރުސީން ކުރަންޖެހުނު މަސައްކަތް ވަރަށް ބޮޑަށް ތަފާތު ވެގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ގިނަ މަސައްކަތްތައް ކުރަންޖެހުނީ ވަރޗުއަލްކޮށްކަމަށާއި، ނަމަވެސް މިހާރު ފިޒިކަލީވެސް ވަނީ ފެއަރތަކާއި ރޯޑްޝޯތަކުގައި ބައިވެރިވާން ފަށާފައިވާކަމަށް ޠައްޔިބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަހަރުގެ ތެރޭގައި އެކަނިވެސް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން 150 ހަރަކާތެއް ހިންގާފައިވާކަމަށެވެ.

"މިއީ ގާތްގަނޑަކަށް 25 އަކަށް ލީޑިންގ މާކެޓަށް. 36 ފެއަރއެއްގައި މިއަހަރު އެކަނިވެސް ބައިވެރިވެވިއްޖެ. 4 ރޯޑްޝޯއެއް ހިންގިއްޖެ. 6 ވަރޗުއަލް އިވެންޓް ހިންގިއްޖެ. 16 ފޭމް ޓްރިޕް އެއީ ގާތްގަނޑަކަށް 60 އެއްހައި މީޑިއާގެ މީހުން މިއަހަރު އެކަނި." ތައްޔިބު ވިދާޅުވިއެވެ.

ތައްޔިބު ވިދާޅުވީ، ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަނީ އެއަރލައިންތަކާއި ޓްރެވެލް އޭޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، މާކެޓިން ފާރމްސްތަކާއި އެކިއެކި މީހުންނާއި ގުޅިގެންކަމަށެވެ. މީގެތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ތައްޔިބު ވިދާޅުވީ، ކުރިއަށްއޮތް އަހަރަށް އެކްޝަން ޕްލޭންއާއި ބަޖެޓް ރޭވި ހުރިހައި ކަމެއް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރު އެކަނިވެސް 24 އަށްވުރެ ގިނަ މާކެޓްގައި ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ޠައްޔިބު ވިދާޅުވިއެވެ.