ދުނިޔޭގެ ވިޔަފާރި

އެމެރިކާއިން އޭޝިއާއަށް ތެޔޮ އެކްސްޕޯޓުކުރާ މިންވަރު އިތުރުވާނެކަމަށް ލަފާކޮށްފި


އެމެރިކާގެ ސާފުނުކުރާ ތެޔޮ، އޭޝިއާއަށް އެކްސްޕޯޓުކުރާ މިންވަރު މި މަހު ރެކޯޑް އަދަދަކަށް އިތުރުވާނެކަމަށް ކެޕްލަރ ޝިޕިން ޑޭޓާއިން ދައްކައިފިއެވެ. އެގޮތުން ދުވާލަކު 1.8 މިލިއަން ފީފާއަށް އަރާނެކަމަށް އެ ޑޭޓާ ތަކުން ދައްކައެވެ. ތެޔޮ ފޯރުކޮށްދޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށްފައި މިވަނީ ތެލަށް ޑިސްކައުންޓް ދިނުމުގެ ސަބަބުން ޑިމާންޑް އިތުރުވެފައިވާތީއެވެ.

ޗައިނާ، އިންޑިއާ އަދި ދެކުނު ކޮރެއާގެ ތެޔޮ އިމްޕޯޓުކުރާ ފަރާތްތަކުންވެސް މިހާރު އަންނަނީ އެމެރިކާ އަތުން ތެޔޮ ގަންނަމުންނެވެ.

ޖުމްލަކޮށް ބަލާއިރު، މިދިޔަ ހަފްތާގައި އެމެރިކާއިން ތެޔޮ އެކްސްޕޯޓް ކުރި މިންވަރު ހަފްތާއެއްގެ ތެރޭގައި ވަނީ ރެކޯޑު އަދަދަކަށް މަތިވެފައެވެ. އެއީ ދުވާލަކު 5.1 މިލިއަން ފީފާއެވެ. އެމެރިކާގެ ބެންޗްމާކް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް، ޑަބްލިއުޓީއައި އިން ގްލޯބަލް ބްރެންޓަށް ތެޔޮ ފީފާއެއް ވިއްކާފައި ވަނީ، ފީފާއަކަށް 9 އެމެރިކާ ޑޮލަރުގެ ޑިސްކައުންޓެއްގައެވެ. ޑަބްލިއުޓީ އިން ސެޕްޓެމްބަރު މަހު ތެޔޮ ވިއްކާފައި ވަނީ ފީފާއަކަށް 6 އެމެރިކާ ޑޮލަރުގެ ޑިސްކައުންޓެއްގައެވެ. ޑިސްކައުންޓު އިތުރުކުރުމުގެ ސަބަބުން ބޭރުގެ ތެޔޮ ގަންނަ ފަރާތްތަކަށް އެމެރިކާގެ ތެޔޮ ވަނީ ފަސޭހައިން ގަނެވޭނެ ގޮތް ވެފައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މާލީ ތަފާސް ހިސާބުތައް އާންމުކުރާ ކުންފުންޏެއް ކަމަށްވާ ރިފިނިޓިވް އިން ބުނާގޮތުގައި ދެކުނު ކޮރެއާ އިން މި މަހު ދުވާލަކަށް 619,000 ފީފާ އެމެރިކާއިން އިމްޕޯޓުކުރާނެއެވެ. މިއާއިއެކު ދެކުނު ކޮރެއާ ވެގެންދާނީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި މަހު އެންމެ ގިނައިން އެމެރިކާއިން ތެޔޮ އެކްސްޕޯޓުކުރި ގައުމަށެވެ.

ޗައިނާއިން މި މަހު މަދުވެގެން ދުވާލަކު 450000 ފީފާ އެމެރިކާއިން އެކްސްޕޯޓުކުރަން ނިންމާފައިވާއިރު، މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު ޗައިނާއިން އެންމެ ގިނައިން ތެޔޮ އިމްޕޯޓުކުރާނެ މަހަށް ވާނެއެވެ. އަދި އިންޑިއާއިން މި މަހު އިމްޕޯޓުކުރާ މިންވަރަކީ މިދިޔަ މާޗް މަހަށް ފަހު އެގައުމަށް އެންމެ ގިނައިން ތެޔޮ އިމްޕޯޓުކުރާ މިންވަރެވެ.

ޗައިނާގެ ރިފައިނަރީތަކުން އަންނަނީ ތެޔޮ އުފެއްދުންތެރިކަން އިތުރުކުރަމުންނެވެ. އަދި އޭޝިއާ ސަރަހައްދުގައި ޑީސަލްއަށް އޮތް ޑިމާންޑުވެސް އަންނަނީ އިތުރުވަމުން ކަމަށް ކެޕްލަރގެ ދިރާސާކުރާ ފަރާތެއް ކަމަށްވާ މެޓް ސްމިތް ބުންޏެވެ.

އެމެރިކާގެ އެންމެ ފަހުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި އޮސްޓުމަހު އެ ގައުމުން ތެޔޮ އުފައްދާފައިވާ މިންވަރަކީ ދުވާލަކަށް 11.98 މިލިއަނަށް ފީފާއެވެ.