ޚަބަރު

ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތަކަށް އީރާނުން ތައްޔާރު


އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގައި ކަސްތަޅުއަޅުވަން ހުޅަނގުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމުގައި އެ ޤައުމުން ބުނެފިއެވެ. މި ކަމާ ގުޅޭ ގޮތުން ހުޅަނގުން އިސްނަގައިގެން ބާއްވަމުންދާ މަޝްވަރާތަކަށް އެއްބާރުލުން ދޭން އީރާނުން ނިންމާފައި މި ވަނީ، އެއްބަސްވުމަށް ރުޖޫޢަވުމަށް ބާރު އެޅުމުގެ ގޮތުން އެމެރިކާ އިސްވެ އޮވެ ކުރިމަތި ކުރަމުންދާ ފިއްތުންތަކާ ގުޅިގެންނެވެ.

މަޝްވަރާތަކުގައި ބައިވެރިވާން އީރާނުން ތައްޔާރަށް އޮތް ކަން ހާމަ ކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުاللهހިއަންއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ، ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިޞަލް މިޤްދާދާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައި.އޭ.އީ.އޭ)އާ އެކު ބާއްވާ މަޝްވަރާތަކުގެ ބޭނުމަކީ، 2015ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމަށް އީރާނުން އަލުން ރުޖޫޢަ ކުރުވުމެވެ. މި ކަމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވުމަށް އީރާނުގެ ވަފުދެއް އޮސްޓްރިޔާގެ ވިއެނާއަށް ދަތުރު ކުރާނެ ކަމުގައި އާމިރު-ޢަބްދުاللهހިއަން ވިދާޅުވިއެވެ.

އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ އެމެރިކާއާއި ހުޅަނގުން ބޭނުންވާ ކަމެއް ނޫނެވެ. އަދި، އެ ކަމަށް ހުރަސް އެޅުމަށް އެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް އިޤްތިޞާދީ ގޮތުންނާއި، އެ ޤައުމުގެ ވެރިންނާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

2015ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ހުޅަނގުން ވަނީ އީރާނަށް ލުއިތަކެއް ދީފައެވެ. ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، 2018ވަނަ އަހަރު އެ އެއްބަސްވުމަށް އަމަލު ކުރުން ވަނީ ހުއްޓައިލާފައެވެ. އެއްބަސްވުމުން ވަކިވާން ނިންމަވާފައި ވަނީ ޓްރަމްޕްއެވެ.

އެއްބަސްވުމަށް އަލުން ރުޖޫޢަވުމާ ގުޅޭ ގޮތުން އައި.އޭ.އީ.އޭ.އާއި އީރާނުގެ އޮފިޝަލުންނާ ދެމެދު އޭގެ ފަހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ ވިލާތުގެ އިއްތިހާދު (އީ.ޔޫ)އިންނެވެ. މަޝްވަރާތަކަށް މިހާރު ހުރަސްއެޅިފައި އޮތީ، އައި.އޭ.އީ.އޭ.އިން ހުއްދަ ދީފައި ނުވާ އީރާނުގެ ތިން ސަރަޙައްދަކުން ރޭޑިޔޯއެކްޓިވް މޭޓީރިޔަލް ފެނުމެވެ.

އެ އިދާރާއިން ދަނީ އެ ތިން ސަރަޙައްދާ ގުޅޭ މަޢުލޫމާތު ހާމަ ކުރުމަށް އީރާނަށް ބާރު އަޅަމުންނެވެ. އަދި، އެ ތިން ސަރަޙައްދުން ރޭޑިޔޯއެކްޓިވް މެޓީރިއަލް ފެނުނު ސަބަބު ހާމަ ކުރުމަށް އަންގަމުންނެވެ. ނަމަވެސް، އީރާނުން ދަނީ، އެ ކަމާ އަލައިނުލައި ދޫކޮށްލުމަށް އައި.އޭ.އީ.އޭ.އަށް ބާރު އަޅަމުންނެވެ.

އީރާނާ އެކު ހަދާފައިވާ އެއްބަސްވުން އަލުން މުރާޖަޢާކޮށް، އެއްބަސްވުމުގެ އައު ދެލިކޮޕީއެއް އީ.ޔޫ.އިން ވަނީ އެކުލަވައިލާފައެވެ. ނަމަވެސް، މި ދެލިކޮޕީގައި އީރާނާއި އެމެރިކާގެ އިތުރުން އައި.އޭ.އީ.އޭ.އިން ވެސް ހިތްހަމަނުޖެހޭ ކަންތައްތަކެއް ހިމެނިފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުގައި އެ ކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރާނެއެވެ.