ޚަބަރު

ނަޞްރުގެ ދުވަހުގެ "ވިކްޓްރީ ލެޕް" މާލޭއާއި އަތޮޅުތަކުގައި


ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމް.އެން.ޑީ.އެފްއިން ބާއްވާ "ވިކްޓްރީ ލެޕް"ގެ ނަމުގައި ޚާއްސަ ދުވުމެއް މާލެއާއި އަތޮޅުތަކުގެ ސެންޓްރަލް ކޮމާންޑްތަކުގައި މިއަދު ބާއްވައިފިއެވެ.

ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން މާލޭ ސިޓީގައި ފެށީ މިއަދު ހަވީރު 16:30 ގައި ސިފައިންގެ މަރުކަޒު، ކަޅުތުއްކަލާކޮށިންނެވެ. ދުވުން ކުރިއަށް ދިޔައީ ކަޅުތުއްކަލާކޮށިން ނުކުމެ ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް ދަރުބާރުގެއާ ހަމައިން އެނބުރި ކަޅުތުއްކަލާ ކޮއްޓަށް ނިންމާ ގޮތަށެވެ.

"ވިކްޓްރީ ލެޕް" ނިންމުމުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާ މާރިޔާ އަޙުމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މާލޭގައި މި ދުވުން ބޭއްވިއިރު، ނަޞްރުގެ ދުވަސް ފާހަގަކުރުމަށް އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑާއި، އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އިތުރުން އެމް.އެން.ޑީއެފް ސަދަން އޭރިއާ ކޮމާންޑްގައިވެސް "ވިކްޓްރީ ލެޕް" މިއަދު ވަނީ ބާއްވާފައެވެ.

އެމް.އެން.ޑީ.އެފުން ސިލްސިލާކޮށް ކުރިއަށްގެންދާ މި ދުވުމުގެ މައިގަނޑު މަޤްސަދަކީ، ދިވެހި އަސްކަރިއްޔާގެ ކާމިޔާބީ ފާހަގަކޮށް، އަސްކަރީ ސަފުތަކުގެ ބަދަހިކަން ދައްކައިދީ، ޤައުމީ ރޫޙާއި ޖޯޝު ލަޝްކަރުގައި އަށަގެންނެވުމެވެ. ވަކިން ޚާއްޞަކޮށް މި ޙަރަކާތުން ރަމްޒުކޮށްދެނީ ދީނާއި ޤައުމުގެ ޙައްޤުގައި ޝަހީދުވި މަތިވެރި އަބްޠާލުންގެ ޒިކުރާއެވެ.

ނަޞްރުގެ ދުވަހާއި ގުޅިގެން އެމް.އެން.ޑީ.އެފްއިން ބާއްވާ ޚާއްސަ ޕެރޭޑް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މި ޕެރޭޑް ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ހުކުރު ދުވަހު އޮންނާނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވީ ޢުދުވާނީ ޙަމަލާގައި ދީނާއި ޤައުމަށްޓަކައި ޝަހީދުވި ޢަބުޠާލުންގެ ޒިކުރާ އާކޮށް އެދުވަހު ލިބުނު ނަޞްރު ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށެވެ.