ޚަބަރު

އަނަންތަރަ ރިސޯޓްގައި މޫދަށް ވެއްޓުނު މީހާ މަރުވެއްޖެ


ބ.އަތޮޅު އަނަންތަރަ ރިސޯޓްގައި ޖެޓީމަތިން ބަގީއެއްގައި ދޫއްވަފައި ދަނިކޮށް މޫދަށް ވެއްޓުނު އަންހެން މީހާ ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ރޭ 10:42 ހާއިރުއެވެ. މިހާދިސާގައި މަރުވީ މޮރޮކޯ 26 އަހަރުގެ އަންހެނެކެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އެއަންހެން މީހާ ވަޒީފާއަަށް އައީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. އެރިސޯޓްގެ ބަޓްލަރެއްގެ ވަޒީފާއަދާ ކުރަމުންދިޔަ އެ އަންހެން މީހާ މޫދަށް ވެއްޓުނު ވަގުތު އޭނާ މޫދުން ނެގީ ވޯޓަރވިލާ ޖެޓީމަތީގައި ތިބި ފަތުރުވެރިންގެ ބައެއްކަމަށް ރިސޯޓުން މަޢުލޫމާތު ދީފައިވެއެވެ.

މިހާދިސާގައި އެ އަންހެންމީހާގެ ބޮލަށް ގެއްލުންލިބި ޒަޚަމްވެފައިވާކަމަށާއި، މޫދުން ނެގި ވަގުތުން ފެށިގެން އޭނާއަށް ޕީސީއާރު ދޭން ފެށިކަމަށް އެރިސޯޓުން ބުންޏެވެ. އެއަށްފަހު އިތުރު ފަރުވާއަށް ފުރަތަމަ ގެންދިޔައީ އެރޭ 23:30 ހާއިރު އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހާދިސާ ހިނގިރޭގެ 23:10 ގައިކަމަށް ފުލުންހުން ވިދާޅުވެއެވެ. މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.