ޚަބަރު

ދެ ކޮރެޔާގެ ދެމެދުގައި ހަމަލާތަކެއް ބަދަލުކޮށްފި، އެއް މިސައިލް ވެއްޓުނީ ދެކުނު ކޮރެޔާ ކައިރިއަށް


ދެ ކޮރެޔާގެ މެދުގައި މިސައިލް ހަމަލާތަކެއް ބަދަލުކޮށްފިއެވެ. ދެ ޤައުމުން ވެސް ފޮނުވައިލި މިސައިލްތައް ވެއްޓިފައި ވަނީ ކަނޑުގެ ސަރަޙައްދަށެވެ. ހަމަލާ ބަދަލު ކުރުންތައް ފެށުނީ އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތަކަކާ އެކުގައެވެ. އެ ޤައުމުން ވަނީ 23 މިސައިލް އުދުއްސައިލާފައެވެ.

މިއީ އެއް ދުވަހުގެ ތެރޭގައި އެ ޤައުމުން އެންމެ ގިނަ އަދަދަކަށް މިސައިލް ޓެސްޓު ހަދާފައިވާ ފަހަރެވެ. މީގެ ތެރެއިން އެއް މިސައިލް ވެއްޓިފައި ވަނީ ދެ ކޮރެޔާގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަނޑުގެ ސަރަޙައްދު ކަމުގައިވާ ނޮދަން ލިމިޓް ލައިން (އެން.އެލް.އެލް)އަށެވެ. މިސައިލް ވެއްޓުނީ ދެކުނު ކޮރެޔާގެ ރަށެއް ކަމުގައިވާ ސޮކްޗޯއާ 57 ކިލޯމީޓަރު ދުރަށް، އެ ޤައުމުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށެވެ.

މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެޔާގެ ރައީސް ޔޫކް ސުކް-ޔޮލް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި، މިއީ އެ ޤައުމުގެ ސިޔާދަތަށް އަރައިގަތުން ކަމުގައި ބެލޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އެމެރިކާއިން ވެސް ވަނީ، އުތުރު ކޮރެޔާގެ އަމަލަކީ ވަރަށް ފަރުވާކުޑަ އަމަލެއްގެ ގޮތުގައި ސިފަ ކޮށްފައެވެ.

މިއީ، 1945ވަނަ އަހަރަށް ފަހު އުތުރު ކޮރެޔާއިން ދެކުނު ކޮރެޔާއާ އެހާ ކައިރިއަށް މިސައިލް ހަމަލާއެއް ދީފައިވާ ފުރަތަމަ ފަހަރެވެ. އުތުރު ކޮރެޔާއިން މިސައިލް ޓެސްޓުތައް ފެށުމާ އެކު، ދެކުނު ކޮރެޔާއިން ވަނީ، ރައްކާތެރިވުމަށް އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައެވެ. އަދި، އުތުރު ކޮރެޔާއަށް ރައްދު ދިނުމުގެ ގޮތުން ދެކުނުން ވެސް ވަނީ މިސައިލް ހަމަލާތަކެއް ފޮނުވައިލާފައެވެ.

އުތުރު ކޮރެޔާއިން މިސައިލް ހަމަލާތައް ފޮނުވައިލާފައި ވަނީ، ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން ފަށާފައިވާ އަސްކަރީ ތަމްރީނުތައް ހުއްޓައިލުމަށް ގޮވައިލުމަށް ފަހުއެވެ. ބުނީ، އެ ފަދަ ތަމްރީނުތަކުގެ ސަބަބުން އެ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތަށް ނުރައްކާވާ ކަމުގައެވެ. އަދި، އެ ފަދަ އަމަލުތަކަށް ރައްދު ނުދީ ބަލަހައްޓައިގެން ނުތިބެވޭނެ ކަމުގައި ވެސް އުތުރު ކޮރެޔާއިން ބުންޏެވެ.

ދެ ކޮރެޔާގެ މެދުގައި ހަމަލާ ބަދަލު ކުރުމުގެ ގޮތުން ފޮނުވައިލި މިސައިލް ހަމަލާތައް އަމާޒު ކޮށްފައި ވަނީ ދެ ޤައުމުގެ ކަނޑުގެ ސަރަޙައްދަށެވެ. އެއް މިސައިލް އެން.އެލް.އެލް.އަށް ވެއްޓުމުން، ދެކުނު ކޮރެޔާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އުތުރު ކޮރެޔާގެ ކަނޑުގެ ސަރަޙައްދަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ކަރބީ ވަނީ، ދެކުނު ކޮރެޔާގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް އެމެރިކާއިން ފިޔަވަޅުތަކެއް އަޅާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ ތެރޭގައި ދެކުނު ކޮރެޔާގެ އަސްކަރިއްޔާގެ ބާރުވެރިކަމާއި ޤާބިލިއްޔަތު ކަން އިތުރު ކުރުން ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އުތުރު ކޮރެޔާއިން މިސައިލް ޓެސްޓުތައް ހަދަމުން ދަނީ، އެ ޤައުމާ ދެކޮޅަށް އ.ދ.އިން ފާސްކޮށްފައިވާ ޤަރާރުތަކާ ޚިލާފަށެވެ. ދެ ކޮރެޔާގެ ދެމެދުގައިވާ ހަތިޔާރު ބޭނުން ކުރުން މަނާ ސަރަޙައްދަކަށް އުތުރު ކޮރެޔާއިން އާޓިލަރީ ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމުގައި ވެސް ދެކުނު ކޮރެޔާއިން ބުނެއެވެ. މިއީ ވެސް، 2018ވަނަ ހަދާފައިވާ އެއްބަސްވުމަކާ ޚިލާފަށް އުތުރު ކޮރެޔާއިން ހިންގާފައިވާ އަމަލެކެވެ.