އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމުގައި އެހެން ދީނެއްގެ ޝިޢާރެއް ފާޅުކުރިކުރުން ކުށްވެރިކޮށް، އެ މައްސަލަ ބެލުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢުގައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާއި އަދި ގަވާޢިދުތަކާއި ޚިލާފަށް އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ކުށްވެރިކުރައްވާފައެވެ.
އަދި ރާއްޖޭގައި ތަފާތު މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަށް ކަމާގުޅުންހުރި ފަރާތްތަކަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގެ ރަށެއްގައި އެހެންދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސްކަމެއް ކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެކެވެ.
މި ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވައިދުތައް ބުނާގޮތުން ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި، ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.
އެހެންކަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވަނީ މިކަން ކުށްވެރިކުރައްވާ މައްސަލަ ބެލުމަށް ފުލުހުންނަށްވެސް ހުށަހަޅުއްވާފައެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ޤައުމިއްޔަތެއް ޙިއްސާކުރާ ބައެއްކަން ފާހަގަކޮށްފައިވެއެވެ. އަދި ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްޙަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.