ޚަބަރު

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމެނުމުގެ ސަރވޭ ފަށައިފި


ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ދެނެގަތުމުގެ ސަރވޭ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ފަށައިފިއެވެ. "ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަރވޭ 2022" ކުރިއަށްދާނީ މިމަހުގެ 30ގެ ނިޔަލަށެވެ.

މި ސަރވޭގެ މައިގަނޑު މަޤުޞަދަކީ ދިވެހިން ރާއްޖެއިން ބޭރަށް ހިޖުރަކުރާ މިންވަރާއި، ސަބަބުތައް ދެނެގަތުމާއި ބޭރުގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ ސައްޙަ އަދަދު ދެނެގަތުމާއި އާބާދީގެ ތަފާސް ހިސާބުތައް އެކުލަވާލުމެވެ.

"ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަރވޭ 2022"ގެ ނަމުގައި ކުރިއަށްގެންދާ މި ސަރވޭގައި މަޢުލޫމާތު އެއްކުރާނީ އޮންލައިންކޮށް ސުވާލު ކަރުދާހެއް މެދުވެރިކޮށެވެ. މި ފޯމްގައި ޖުމްލަ 19 ސުވާލެއް ހިމެނެއެވެ. މި ސަރވޭއަށް މަޢުލޫމާތު ހުށައަޅަންޖެހޭނީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭތާ 1 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ވެފައިވާ މީހުންނެވެ.

ސަރވޭގައި ހިމަނާފައިވާ ސުވާލުތަކުގެ ތެރޭގައި މީހުންގެ އުމުރު، ޖިންސު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބޭނުން، ކައިވެންޏާ ދަރިމައިވުމާ ގުޅޭ މަޢުލޫމާތު، މަސައްކަތްތެރިކަން އަދި ތަޢުލީމީ ފެންވަރާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. ސަރވޭގައި ބައިވެރިވެ މި މަޢުލޫމާތުތައް ވީހާވެސް އަވަހަށް ފުރިހަމަކޮށް ފޮނުވުމަށް ސްޓެޓްސް ބިއުރޯއިން އެދެއެވެ.

ސަރވޭ ކަރުދާހުގެ ލިންކް ސްޓެޓްސް ބިއުރޯގެ ވެބްސައިޓާ،އެ އިދާރާގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބޭނެއެވެ. https://statisticsmaldives.gov.mv/census-study// އަދި މިލިންކް މެދުވެރިކޮށް ފޯމު ފުރޭނެ ކަމަށްވެސް ސްޓެޓްސް ބިއުރޯއިން މަޢުލޫމާތުދެއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކޮންމެ މީހަކު މިސުވާލު ކަރުދާސް ފުރިހަމަކުރާގޮތަށް ހަމަޖެހިފައިވާތީ، އަމިއްލައަށް މިފޯމު ފުރިހަމަ ނުކުރެވޭ ފަރާތްތަކަށް ސަރވޭ ފޯމް ފުރިހަމަކުރުމަށް، އާއިލާގެ މެމްބަރުނާއި އެހީތެރިންގެ ފާރާތުން އެއްބާރުލުން ދިނުމަށް ބިއުރޯއިން އެދެއެވެ.

މި ސަރވޭގައި އެއްކުރާ ޒާތީ މަޢުލޫމާތަކީ، ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ސިއްރު ހިފެހެއްޓޭނެ މަޢުލޫމާތެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ރާއްޖޭގެ، ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. މީގެތެރެއިން ބައެއް ތަފާސްހިސާބުތައް ވަނީ އާއްމުކޮށްފައެވެ. އެގޮތުން ރާއްޖޭގެ އާބާދީ 452000 އިން މަތިކަމަށް މި ސަރވޭއިން ދައްކައެވެ.