ޚަބަރު

ވަކިކުރަން ހުށަހަޅާފައިވަނިކޮށް ދާންދޫ އިސްމެޖިސްޓްރޭޓް އިސްތިއުފާދީފި


ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް އެ މަގާމުން އިސްތިއުފަދެއްވައިފިއެވެ.

ލުއައްޔު މަގާމުން އިސްތިއުފާދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީން ނިންމާފައިވަނިކޮށެވެ. އޭނާ ވަކިކުރަން ނިންމާފައިވަނީ ޖިންސީ ގޯނާގެ މައްސަލަ އަކާ ގުޅިގެންނެވެ.

ލުއައްޔުގެ މިނޫން ވެސް މައްސަލަތައް ހުރި އިރު އޭގެ ތަފްސީލް ހިއްސާކުރައްވަމުން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އިން ވިދާޅުވީ، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް، ލުއައްޔު އިބްރާހީމް ޖިންސީ ގޯނާ ކުރިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ. އަދި އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ލުއައްޔު އިބްރާހީމް ކޯޓުގެ ރަސްމީ ގަޑީގައި ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށް ބުނާ މައްސަލަ ތަޙްޤީޤަށް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، އަލްއުސްތާޛު ލުއައްޔު އިބްރާހީމްގެ އިތުރު އެއް ޝަކުވާ ކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޚްޤީޤުކުރުމުންދާކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއީ، ދުވަހު ކުއްޔަށް މަސައްކަތަށް ނުކުމެ އުޅުއްވާކަމަށް ތުހުމަތުކުރައްވާ ހުށަހަޅާފައިވާ މައްސަލައެއްކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.