ޚަބަރު

ޖޭއެސްސީ އިސްލާޙުކުރުމުގެ މަސައްކަތަށް މަދަނީ ޖަމިއްޔާތަކާ ބައްދަލުކޮށްފި


ޖުޑީޝަލް ސާވިސް ކޮމިޝަން އިސްލާހުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބައެއް މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނާ ބައްދަލުކޮށް މަޝްވަރާކުރައްވައިފިއެވެ.

ޖޭއެސްސީގެ އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިޙުގެ ވައުދުފުޅެކެވެ. އެ މަސައްކަތް މިދިޔަ މަހު ފަށާފައިވާއިރު، މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު މަދަނީ ޖަމިއްޔާތަކަށް ހުޅުވާލީ މިދިޔަ މަހު 7 ވަނަ ދުވަހުއެވެ. އެގޮތުން ބައްދަލުވުމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 11 އާ ހަމައަށް ހުޅުވާލިއެވެ.

އޭޖީ އޮފީހުން ވިދާޅުވީ، ޖޭއެސްސީ އިޞްލާޙުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރި މަދަނީ ޖަމިއްޔާތަކާ މިހާރު ބައްދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން މިއަދު ބައްދަލުކޮށްފައި ވަނީ ހޯޕް ފޮ ވުމަން، މޯލްޑިވްސް ޔޫތު، ޖޫނިއަރ ޗެމްބަރ އިންޓަރނޭޝަނަލް ކާފު، އަދި އަބަ މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭ.ޑީ.އެމް) އަދި ދިވެހިރާއްޖޭގެ އަދަބީ ޅެންވެރިންގެ ޖަމްޢިއްޔާއިން ކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.


ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމުގެ މަސައްކަތް އަމަލީގޮތުން ފަށައި އެންމެ ފުރަތަމަ ބައްދަލުކުރީ ސުޕްރީމް ކޯޓުގައި ޖޭއެސްސީގެ މެމްބަރުންނާއެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގައި 10 މެމްބަރުން ތިއްބަވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބު ކޮށްފައިވާ ފަނޑިޔާރު، އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިޚާބުކުރި ޤާނޫނީ ވަކީލެވެ.

ޖޭއެސްސީ އެކުލެވިގެންވާގޮތް މުރާޖަޢާކޮށް، ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަކީ، ޝަރުޢީދާއިރާ އިސްލާޙުކުރުމަށް މިސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ވައުދެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ޖޭއެސްސީއަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތް މިނިވަން ތަނަކަށް ހެދުމެވެ.

އޭޖީ އޮފީހުން ވިދާޅުވީ ޤާނޫނުއަސާސީގެ ބަޔާންކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނާކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަން ވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤުވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތައް އޭޖީ އޮފީހުން އެކުލަވާލާ ބިލްގައި ހިމަނާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި މިބިލް މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށްވެސް އޭޖީ އޮފީހުގެ ޑިރެކްޓަރ ކޮމިއުނިކޭޝަން ޙުސައިން ޙަސަން ވިދާޅުވެފައިވެއެވެ.