ރާއްޖޭގެ އިޤްތިޞާދުގައި މައިގަނޑު ގޮތެއްގައި ހިއްސާވާ ސިނާޢަތްތައް 2021 އަހަރާއި އަޅާބަލާއިރު މިއަހަރު ކުރިއަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓާއެކު ހުށަހަޅާފައިވާ ތަފްސީލްތަކުގައެވެ.
2023 ވަނަ އަހަރުގެ ބަޖެޓްގެ ތަފްސީލުން ދައްކާގޮތުގައި މިއަހަރު އެންމެ ބޮޑަށް ކުރިއަރާފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމާއެކު 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައި ނަމަވެސް، މިދިޔަ އަހަރު ތެރޭގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު، ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލުމުގެ ސަބަބުން ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ލަފާކުރި މިންވަރަށްވުރެ ގިނައިން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ބަޖެޓްގެ ތަފްސީލުގައިވެއެވެ.
ސަރުކާރުން މިއަހަރު 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައިފާވާއިރު، މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1007160 ފަތުރުވެރިންނެވެ. އަދި މިއަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1340031 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއިއެކު، މި ދާއިރާއާއި ގުޅުންހުރި އެހެނިހެން ސިނާޢަތްތައްވެސް އިތުރުވެގެން ގޮސްފައިވާކަން ބަޖެޓްގެ ތަފްސީލުގައިވެއެވެ.
ބަޖެޓް ތަފްސީލުގައިވާ ގޮތުން މިދިޔަ އަހަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތައް ހުޅުވާލެވި، އެއަރލައިންތަކުން ދަތުރުތައް ފެށުމާއިއެކު، ރާއްޖޭގެ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާވެސް ވަނީ ކުރިއަރައިގެން ގޮސްފައެވެ. މިގޮތުން މިިދިޔަ އަހަރު މި ސިނާޢަތުގެ އުފެއްދުންތެރިކަން ހުރީ 2019 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ 79.6 އިންސައްތައިގައިކަމަށް ބަޖެޓްގެ ތަފްސީލުން ދައްކައެވެ.
މިއާއިއެކު ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާ ކޯވިޑް-19ގެ ކުރީގެ މިންވަރަށް މިއަހަރު ވާސިލުވާނެ ކަމަށް ބަޖެޓްގެ ތަފްސީލުގައި ލަފާކޮށްފައިވެއެވެ. އަދި މެދު ރާސްތާގައި އެ ދާއިރާތަކުގެ އުފެއްދުންތެރިކަމުގެ ދުވެލި އެވްރެޖުކޮށް ހުންނާނެ ކަމަށް އަންދާޒާކުރެވެނީ 11.4 އިންސައްތައިގައިކަމަށްވެސް އެތަފްސީލުގައި ބުނެފައިވެއެވެ.
ދަތުރުފަތުރާއި މުވާސަލާތުގެ ސިނާޢަތުގެ އިތުރުން، އިމާރަތްކުރުމުގެ ސިނާޢާތްވެސް މިއަހަރު ކުރިއަރައިފާވާކަމަށް ބަޖެޓް ތަފްސީލުން ދައްކައެވެ. އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަން ބިނާވެގެންވަނީ ސަރުކާރުން
ކުރިއަށްގެންދާ އެކިއެކި މަޝްރޫއުތަކަށާއި އަމިއްލަ ފަރާތްތަކުން ގެދޮރާއި އެހެނިހެން ތަންތަން އިމާރާތްކުރާ މިންވަރުގެ މައްޗަށެވެ.
އިމާރާތްކުރަން ބޭނުންކުރާ ސާމަނަކީ އާންމު ގޮތެއްގައި ރާއްޖެއަށް އެތެރެކުރެވޭ ސާމާނުކަމުން، ކޯވިޑް-19 ގެ ސަބަބުން ބައިނަލްއަޤްވާމީ ސަޕްލައި ޗެއިނަށް ކުރިމަތިވި ގޮންޖެހުންތަކާއި، އިމާރާތްކުރުމުގެ މަޝްރޫއުތައް ފަސްވެގެންދިއުމުގެ ސަބަބުން، އިޤުތިސާދީ އެހެން ސިނާއަތްތަކާއި ހިލާފަށް، މިދިޔަ އަހަރު މި ދާއިރާއަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަމަށް ބަޖެޓްގެ ތަފްސީލުގައިވެއެވެ.
ނަމަވެސް ކޯވިޑް-19 ގެ ސަބަބުން މަޑުޖެހުނު އަދި ފަސްކުރެވުނު މަސައްކަތްތައް ސަރުކާރުން މިއަހަރު އަލުން ފެށުމާއިއެކު މިދިޔަ އަހަރުގެގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ސިނާއަތުގެ އުފެއްދުންތެރިކަން 9 އިންސައްތަ އިތުރުވެފައިވާކަމަށް ބަޖެޓް ތަފްސީލުތަކުން ދައްކައެވެ. އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި 32.5 އިންސައްތައިގެ ކުރިއެރުމެއްވެސް ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހު އިމާރާތްކުރާ ތަކެތި އެތެރެކުރުމަށް 21.8 މިލިއަށް ޑޮލަރު ހޭދަވެފައިވާއިރު، މިއަހަރުގެ އޮގަސްޓްމަހު އިމާރާތްކުރާ ތަކެތި އެތެރެކުރުމަށް ހޭދަވެފައިވަނީ 34.9 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 13.1 އިންސައްތަ އިތުރު އަދަދެކެވެ.
އިމާރާތްކުރާ ތަކެތި އެތެރެކުރުމަށް ހޭދަވެފައިވާ މިންވަރު އިތުރުވެފައި ވަނީ ތަފާތު އެކި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފެށިގެން ދިއުމާއެކު، މަސައްކަތްތައް އިތުރުވެ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރަމުންދާ މިންވަރު އިތުރުވެފައިވާތީކަމަށް ބަޖެޓްގެ ތަފްސީލުގައި ބުނެފައިވެއެވެ. އަދި މެދުރާސްތާގައި މި ދާއިރާގެ ކުރިއެރުން އެވްރެޖްކޮށް 10.5 އިންސައްތައިގައި ހުންނާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކުރައްވައެވެ.