ޚަބަރު

"މިއީ ރައީސް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް އަމާޒުކޮށްފައި އޮތް ބަޖެޓެއް"


2023 ވަނަ އަހަރަށް އެކުލަވާލާފައިވާ ބަޖެޓަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭނެ ބަޖެޓުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 40.6 ބިލިއަން ރުފިޔާއެވެ. އަދި ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ކަމަށް ލަފާކޮށްފައިވެއެވެ.


މަޖިލީހަށް 42.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، ހިނގަމުން މިދާ 2022 ވަނަ އަހަރަށް ހުށަހަޅާފައި ވަނީ 37 ބިލިއަންގެ ބަޖެޓެކެވެ. ވެރިކަމުގެ ފަހު އަހަރު ބަޖެޓު ބޮޑުކަން ފާހަގަކޮށް އެކަމަށް ބައެއް ފަރާތްތަކުން އަމާޒުކުރާ ފާޑުކިޔުންތަކަށް ރައްދުދެއްވައި، ޕީއެސްއެމް ނިއުސްގެ ބަޖެޓް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވަނީ ވަރަށް އުންމީދީ އަދި ވައުދު ފުއްދޭނެ ބަޖެޓެއް ކަމަށެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖެ ވެއްޓުނު އިޤްތިޞާދީ ހީނަރުކަމަށް އަލިއަޅުއްވާލައްވާ ޖީހާން ވިދާޅުވީ މިދިޔަ ދެ އަހަރަކީ އެ ހާލަތުން ރިކަވާ ވުމަށް އެތައް ޚަރަދުތަކެއް ކުރަން ޖެހުނު ދެ އަހަރު ކަމަށެވެ. 2020 ވަނަ އަހަރު ރާއްޖެއިން ކޮވިޑް-19 ފެނި، މުޅި ގައުމު ލޮކްޑައުންކޮށް އިޤްތިޞާދު ބަންދުވުމުގެ އިތުރަށް ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ހާލަތަށް އައި ބަދަލަކީވެސް އޭގެ އަސަރު ރާއްޖެ އަށް ސީދާގޮތުން ކުރި ކަންކަމެއްކަން ޖީހާން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިދިޔަ ދެ އަހަރު އެކަންކަމުން އަރައިގަނެ އެ ހާލަތު ބަދަލުކުރަން ބޮޑު ހޭދައެއް ކޮށްފައިވާކަމަށްވެސް ޖީހާން ވިދާޅުވިިއެވެ.

"ވަރަށް ސާފު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމާއި ސަރުކާރުގެ އެކްޝަން ޕްލޭނާއި، ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުމާއި ކުރިމަތިވި ހިރާސްތަކުން އަރައިގަނެ ރައީސް އިބްރާހިމް މުހައްމަދު ޞަލިޙް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަން ހިފާ ބަޖެޓެއް މިއީ." ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ އަދަދުގެ ގޮތުން ބަލާއިރު މި ބަޖެޓުން ސަރުކާރުން ހިންގަން އަމާޒުހިފާފައިވާ މަސައްކަތްތަކަށް ބަލާއިރު މި ބަޖެޓަކީ ބޮޑު ބަޖެޓެއް ނޫން ކަމަށެވެ.


ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މަސައްކަތް ފެށީ ވަރަށް އުންމީދީ ބަޖެޓަކާ އެކު ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ބަލިމަޑުކަމުގެ ކާރިސާގެ ސަބަބުން އެކަމުން އަރައިގަންނަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނުކަން ޒިޔާދު ތަކުރާރުކުރެއްވިއެވެ. އެގޮތުން ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުގެ ދޮރުތައް ބަންދުވެ ރާއްޖެއަށް ގިނަ ދަތިތަކާ ކުރިމަތިވިކަން މެންބަރު ފާހަގަކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ މިކަންކަމުގެ ސަބަބުން 2020 ވަނަ އަހަރަށް އެކުލަވާލި ބަޖެޓުގެ ބޮޑު ބައި ޚަރަދުކުރަން ޖެހުނީ ކޮވިޑް-19 އިން އަރައިގަތުމަށް ކަމަށާއި، އެ ހާލަތަކީ ކުރިން ތައްޔާރުވެފައިވާ ހާލަތަކަށް ނުވާތީ އެއީ ބަޖެޓުގައިވެސް ހިމެނުނު ކަމެއް ނޫން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އެ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކަށް ހުރަސްތަކެއް ކުރިމަތިވެ އެކަންކަން ފަސްކުރަން ޖެހުނު ކަމަށް މެންބަރު ވިދާޅުވިއެވެ.

"އެކަމަކުވެސް އަޅުގަނޑު ފާހަގަކޮށްލަން، ރަށްރަށާއި އަތޮޅުތެރޭގައި ހިންގަން ޖެހުނު އެންމެ ބޮޑު ގިނަ ޕްރޮޖެކްޓުތައް ހިންގާފައި މިވަނީ މިދިޔަ ދެ އަހަރު ތެރޭގައި. 2022 ވަނަ އަހަރުގެ ބަޖެޓު މިއޮތީ ރިކަވަރީ އަށް. 2023 ގެ ބަޖެޓަކީ ރައްޔިތުންގެ އުންމީދުތައް ފުރިހަމަކޮށްދޭ ބަޖެޓު. މިދިޔަ އަހަރުތަކުގައި ކުރަން ފަށާފައިވާ ކަންތައްތައް ނިންމަން ބަޖެޓު މިއޮތީ." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ 42 ބިލިއަނުގެ ބަޖެޓެކޭ ބުނުމުން އެއީ ބޮޑު އަދަދަށް ވެ އެކަމުގެ ވާހަކަދައްކައިރު، އެ ފައިސާއިން ކުރަން ނިންމާފައިވާ މަސައްކަތްތަކާ މެދު ނަޒަރު ހިންގާލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ބަޖެޓު ބޮޑުވިޔަސް މި ބަޖެޓުން ކުރަން ހުރި ކަންކަން އެއަށް ވުރެ ވެސް ބޮޑެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް 2،000 އަށް ވުރެ ގިނަ ޕްރޮޖެކްޓުތައް ހިންގަމުން އަންނައިރު، މި ބަޖެޓަކީ އެ ހުރިހާ މަސައްކަތްތައް ނިންމާ ބަޖެޓެއް ކަމަށް މެންބަރު ވިދާޅުވިއެވެ.