މެޗުތަކުގައި ޓީމުގައި ތިބި ރަނގަޅު ކުޅުންތެރިންގެ ބޭނުން ހިފެމުން އަންނަ ކަމަށް ދިވެހި ސިފައިންގެ ކުލަބްގެ ކޯޗު އަޙްމަދު ތޯހާ ބުނެފިއެވެ.
ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް ވެމްކޯ ބަލިކުރުމަށްފަހު ވާހަކަ ދައްކަމުން ތޯހާ ބުނީ ސިފައިންގެ ކުލަބުން އަންނަނީ މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުންކަމަށާއި، އޭގެ ބޭނުން ސެމީ ފައިނަލުގައި ހިފުނު ކަމަށެވެ. އަދި ސިފައިންގެ ކުލަބްގެ ކުޅުންތެރިންގެ ބުންވަރަކީ ޓީމަށް ލިބޭ އެޑުވާންޓޭޖެއްގެ ގޮތުގައި ތޯހާ ބުންޏެވެ.
ތޯހާ އިތުރަށް ބުނީ ސިފައިންގެ ކުލަބުގައި ވެސް ގިނައީ ފުޓުބޯޅަ ކުޅުންތެރިން ކަމަށާއި، ފުޓްސެލް ކުޅެވޭނީ ކުޑަ ޖާގައެއްގައި ކަމުން ކުޅުންތެރިން އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން އޭނާގެ ޓީމުން އެންމެ ބޮޑަށް ވިސްނީ ގިނަ ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސް އެކަމަށް ކުޅުންތެރިން ހޭނުމަށް ކަމަށްވެސް ތޯހާ ބުންޏެވެ.
ސިފައިންގެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަބީނާ ބުނީ މިދިޔަ އަހަރުގެ މުބާރާތުގައި ސިފައިން ކެޓީ ސެމީ ފައިނަލުން ކަމަށާއި، މިހާރު ހުރިހާވެސް ވިސްނުމަކީ އެ ބަލި ހަނދާން ނައްތާލާ ސިފައިންގެ ކުލަބަށް ކާމިޔާބީ ހޯދައިދިނުން ކަމަށެވެ.
ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބުން މިދިޔަ ތިން އަހަރުގެ ޗެމްޕިއަން އެމްޕީއެލްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ސުމައްޔާ އާއި ސަބީނާގެ ފޯމު ރަނގަޅުވުން އެއީ ޓީމަށް ލިބޭނެ ބޮޑު ފައިދާއެކެވެ.