ޚަބަރު

މި ސަރުކާރުން އަޅާ ފްލެޓްތައް އަންނަ މޭ މަހު ހަވާލުކުރަން ފެށޭނެ


މި ސަރުކާރުން އަޅާ ފްލެޓްތައް އަންނަ އަހަރުގެ މޭމަހުން ފަށައިގެން ހަވާލުކުރަން ފެށޭވަރުވާނޭކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ މުހިންމު މަޝްރޫޢުއަކީ "ގެދޮރުވެރިޔާ ސްކީމް"ގެ 4000 ހައުސިން ޔުނިޓްގެ މަސައްކަތެވެ.

ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫޢުތަކުގެ ތެރޭގައި ބައެއް އަމިއްލަ ފަރާތްތަކާއި ހަވާލުކޮށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ސަރުކާރުގެ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށްގެންދާ މަޝްރޫޢުތައް ހިމެނެއެވެ. މީގެތެރެއިން އެންމެ ބޮޑު މަޝްރޫޢުއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓްގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ދެ ކުންފުންޏަކާއި ހަވާލުކޮށްގެނެވެ. އެއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްޤީކުރާ 2000 ޔުނިޓް އަދި އެންބީސީސީއާ ހަވާލުކޮށްފައިވާ 2000 ޔުނިޓެވެ.

މި ޕްރޮޖެކްޓްގައި ހިމެނެނީ 2 ކޮޓަރީގެ 1200 ހައުސިން ޔުނިޓާ، 3 ކޮޓަރީގެ 2800 ހައުސިން ޔުނިޓެވެ. 2 ކޮޓަރީގެ އެޕަރޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. އަދި 3 ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕަރޓްމަންޓްތަކެވެ.

ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތް ދައްކާލުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޓުއަރގައި ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއަރސް އަޙުމަދު ޝަމޫލް އަބްދުﷲ ވިދާޅުވީ، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަނާއި ތަނބުތަކުގެ މަސައްކަތްތައް ނިމެމުންދާކަމަށެވެ.

"ޖޭއެމްސީ ޕްރޮޖެކްޓްގެ %16 ނިމިއްޖެ. އެންބީސީސީގެ މަސައްކަތް 13.5% ނިމިއްޖެ. އަންނަ އަހަރަށް ބައެއް ޓަވަރުތައް ނިމޭނެ، މުޅި ޕްރޮޖެކްޓް 2024އަށް ނިމޭނެ." ޝަމޫލް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ފެނުނީ، ދަޢުރު ނިމުމާއި ގާތްވެފައި ވަނިކޮށް ހައުސިން މަސައްކަތްތައް ފެށިތަންކަމަށެވެ. ނަމަވެސް މި ސަރުކާރުގައި 2020ވަނަ އަހަރުން ފެށިގެން މަސައްކަތްތައް ފެށިކަމަށާއި މީގެތެރެއިން އަތޮޅުތަކުގައި ކުރިއަށްގެންދިޔަ ބައެއް ޕްރޮޖެކްޓްގެ މަސައްކަތް ނިމި، އެތަންތަނުގައި މީހުންވެސް ދިރިއުޅެން ފަށާފައިވާކަމަށެވެ.

އާރިފް ވިދާޅުވީ މާލޭގައި ކުރިއަށްދާ ހައުސިން ޔުނިޓްތައް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެކަމަށެވެ.

"ދައުރު ނިމުމުގެ ކުރިން ހައުސިން ޔުނިޓްތައް ހަވާލުކުރަން ފެށޭނެކަން ޔަގީން. އަންނަ އަހަރު މޭމަހުގެ ތެރޭގައި ބައެއް ޓަވަރުތައް ނިންމާ މީހުން ވެއްދޭނެ. ކޮންޓްރެކްޓަރު އެ ޔަގީންކަން ދޭ." އާރިފް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ޕްރޮޖެކްޓްގައި ތަރައްޤީކުރަނީ 17 އަދި 18 ފަންގިފިލާގެ ޓަވަރުތަކެވެ.

މި 4000 ޔުނިޓަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގައި 20000 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވެއެވެ. އަދި ކުރިއަށް އޮތް 3 މަސްތެރޭ ފޯމްތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ނިމޭނެކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.