ޓައިޓަންސް ބާސްކެޓްބޯލް އެކަޑަމީގައި ތަމްރީން ހަދަމުން އަންނަ ކުދިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ބާސްކެޓްބޯލަ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ބާސްކެޓްބޯލް ފެސްޓިވަލުގައި ފަސް އުމުރުފުރާއަކުން 400އަށްވުރެ ގިނަ ކުދިން ވަނީ ވާދަކޮށްފައެވެ. އެގޮތުން ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 ގެ ކުދިންވެސް މި ފެސްޓިވަލުގައި ބައިވެރިވެފައިވެއެވެ.
މުބާރާތުގެ އެންމެ ހަގު ދެ އުމުރުފުރާގެ މެޗުތައް ކުރިއަށް ގެންދިޔައީ ވަނަ ހޮވާ ގޮތަކަށް ނޫނެވެ. އެކަމަކު ގްރޭޑު 3 އަކުން ފެށިގެން 10 ގެ ކުދިންގެ މެޗުތައް ކުރިއަށް ދިޔައީ ވަނަ ހޮވާ ގޮތަށެވެ.
ޓައިޓަންސް ބާސްކެޓްބޯޅަ އެކެޑަމީ އަކީ ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އަދި ކެޕްޓަން އިލްޔާސް އިބްރާހިމް (އިއްލެ)ގެ ކުރީ ސަފުގައި ހުރެގެން ކުރިއަށްގެންދާ އެެކަޑެމީ އެކެވެ. އޭނާ އަކީ ކޯޗިންގެ އެންމެ މަތީ ފާސްކަމަށްވާ ފީބާ ލައިސަންސް އޮތް ކޯޗެކެވެ. މި އެކަޑަމީގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ޖޫނިއާ ލެވެލް އިން ފެށިގެން ލެވަލް 3 ގެ ކޯޗިން ސެޓިފިކެޓް އޮތް ކޯޗުންނެވެ.
ޓައިޓެންސް ބާސްކެޓްބޯލް އެކަޑަމީގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މީގެ ދެ ފެސްޓިވަލް މަދުވެގެން ބޭއްވުމެވެ.