ޚަބަރު

ޖެނުއަރީ 1 އިން ފެށިގެން ޓެކްސް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި


ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން ފާސްކޮށްފިއެވެ.

ޓެކްސް ބޮޑުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 50 މެމްބަރުންނެވެ. ޓެކްސް ބޮޑުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ބިލުގެ ކޮމެޓީ މަރުހަލާގައި ގިނަ އިސްލާހުތަކެއް ވަނީ ހުށަހެޅި ވޯޓަށް އެހިފައެވެ. ނަމަވެސް އެއްވެސް އިސްލާހެއް ކޮމެޓީން ފާސްވެފައި ނުވެއެވެ.

މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ޓެކްސް ބޮޑުކުރަން ފާސްކުރީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. ފިނޭންސް މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމު ކުރުމާށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ބުނެފައެވެ. ރާއްޖޭގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިއެވެ.