ދުނިޔޭގެ ވިޔަފާރި

ވިޔަފާރި ބަނދަރުތައް ތަރައްގީކުރުމަށް އެމެރިކާއިން 703 މިލިއަން ޑޮލަރު އިންވެސްޓްކުރަނީ


22 ސްޓޭޓަކުން ޖުމްލަ 41 ބަނދަރު ތަރައްގީ ކުރުމުގެ ގޮތުން 703 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން އެމެރިކާގެ ޓްރާންސްޕޯޓޭޝަން ޑިޕާޓްމަންޓުން އިއުލާނުކޮށްފައިވާ ކަމަށް ރޮއިޓާސް ނިއުސް އޭޖެންސީ އިން ރިޕޯޓުކޮށްފިއެވެ.

މި އިންވެސްޓްމެންޓްގެ ދަށުން އައްސޭރިފަށާއި، ގްރޭޓް ލޭކްސް އާއި، އެތެރޭގެ ކޯރު ބަނދަރުތަކަށް ކުރިއެރުން ލިބިގެންދާނެއެވެ. ބަނދަރުތައް ތަރައްގީކުރުމުގެ ގޮތުން ސަޕްލައި ޗޭންގެ އިތުބާރު ރަނގަޅުކޮށް، އިކުއިޕްމަންޓްތައް ކަރަންޓު ދިނުމާއި، ރޭލް އަދި ހައިވޭގެ އާ ގުޅުންތައް ރަނގަޅު ކުރުމުގެ އިތުރުން ގްރީންހައުސް ގޭސް ދޫކުރުން މަދުކުރުމަށްވެސް މަސައްކަތްކުރާނެއެވެ.

ބަނދަރުތައް ތަރައްގީކުރުމުގެ މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ އުމްރާނީ ތަރައްގީއާއި ގުޅޭގޮތުން މިދިޔަ އަހަރު ނޮވެމްބަރު މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަސްދީގުކުރައްވާފައިވާ ގާނޫނަކުންނެވެ.

އުމްރާނީ ތަރައްގީއަށް ރެކޯޑު އަދަދެއްގެ ފަންޑެއް މިކުރަނީ، ބަނދަރުތައް ތަރައްގީކޮށް، ތަކެތި ފޯރުކޮށްދިނުން ފަސޭހަކޮށްދިނުމުގެ އިތުރުން އެމެރިކާގެ ގޭބީސީތަކުގެ ހަރަދު ކުޑަކުރުމަށްކަމަށް ޓްރާންސްޕޮޓޭޝަން ސެކްރެޓަރީ ޕީޓް ބޫޖިޓެޖް ވިދާޅުވިއެވެ.

މި އިންވެސްޓްމެންޓްގެ ދަށުން އަލަސްކާ ސްޓޭޓްގެ ހަތަރު މަޝްރޫއަކަށް 112.5 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމާފައިވާއިރު، އޭގެ ތެރޭގައި އެންކަރޭޖް ބަނދަރު އިތުރުކުރުމަށާއި އެލީޝިއަން އައިލެންޑަށް ހޭދަކުރުމަށް 68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. އަދި މުހިއްމު ބަނދަރެއް މަރާމާތު ކުރުމަށް 10.2 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން ނިންމާފައިވާއިރު، ފްލޯޓިން ޑޮކް މަޝްރޫއަކަށް 5.4 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން ވަނީ ނިންމާފައެވެ.

އާރތް ކިލް އޮފްޝޯ ވިންޑް ޓާމިނަލް ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް ނިއުޔޯކަށް 48 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން ވަނީ ނިންމާފައެވެ. ސްޓޭޓް އައިލެންޑް މަޝްރޫއުގެ ދަށުން 740،000 ކިއުބިކް ޔާޑް ހިއްކައިގެން 35 ފޫޓު ފުން ބޯޓު ބެސިންއެއް އުފެއްދުމަށްވެސް ހޭދަކުރަން މިހާރު ވަނީ ނިންމާފައެވެ.

މަސުޗީޓިސްގެ ސޭލަމްއަށް ދީފައިވަނީ ގާތްގްޑަކަށް 34 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ވިންޑް އެނާޖީ ޕްރޮޖެކްޓެއް ތަރައްގީ ކުރުމަށެވެ. ނިއު ޖާޒީގެ ކަމްޑަންއަށް 25 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަން އެމެރިކާ އިން ވަނީ ނިންމާފައިވާއިރު ކެލިފޯނިއާގެ ލޯންގް ބީޗަށް 30 މިލިއަން އެމެރިކާ ޑޮލަރުވެސް ވަނީ ހަރަދު ކޮށްފައެވެ.