ޚަބަރު

ބަޖެޓް 2023: އަދުލު އިންސާފާއި ދިފާއީ ކަންކަމަށް 5.2 ބިލިއަން


ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ކަނޑައަޅާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ދިފާއީ ކަންކަން ބެލެހެއްޓުމާއި، އަދުލު އިންސާފާއި އަމާންކަން ގާއިމްކުރުމަށް 5.2 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރޭގައި 5.2 ބިލިއަން ރުފިޔާ ދިފާއީ ކަންކަން ބެލެހެއްޓުމާއި، އަދުލު އިންސާފާއި އަމާންކަން ގާއިމްކުރުމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 4.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދަށް ކަނޑައަޅާފައިވާ ޢަދަދެވެ. އަދި 377 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ކެޕިޓަލް ޚަރަދުތަކުގެ ގޮތުގައެވެ.

އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއަށް ޖުމްލަ 701.9 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސިފައިންނާއި ފުލުހުންނަށް 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ.

"ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ޖަލުތަކުގެ ސިއްހީ ވަސީލަތްތައް އިތުރަށް ފުޅާކުރުމަށް ބަޖެޓުކޮށްފައިވާނެ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.


ބަޖެޓުގައި ވަކި ވަކި އިދާރާތަކަށް ކަނޑައަޅާފައިވާ އަދަދުތަކަށް ބަލާއިރު، ގައުމީ ސަލާމަތާއި ގުޅުން ހުރި އިދާރާތަކަށް ވެސް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓްރީ އަށް 18،528،135 ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، އެމްއެންޑީއެފް އަށް 1،669،228،819 ރުފިޔާ ކަނޑައަޅާފައިވެއެވެ.

ހޯމް މިނިސްޓްރީ އާއި، ފުލުހުންގެ އިދާރާ އަދި ކަރެކްޝަންސްއަށް ކަނޑައަޅާފައިވާ ބަޖެޓަށް ބަލާއިރު، ހޯމް މިނިސްޓްރީއަށް 139،672،408 ރުފިޔާ ކަނޑައަޅާފައިވެއެވެ. ފުލުހުންގެ ޚިދުމަތަށް 2،001،371،924 ރުފިޔާ ކަނޑައަޅާފައިވާއިރު، ކަރެކްޝަނަލް ސަރވިސް އަށް 392،043،425 ރުފިޔާ ކަނޑައަޅާފައިވެއެވެ.

އަދުލު އިންސާފުގެ ދާއިރާއިން ސަރުކާރުން ވެފައިވާ ވައުދުތަކަށް ބަލާއިރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.

މީގެ އިތުރަށް މި ސަރުކާރުގެ މެނިފެސްޓޯގައި، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދްމަތްތަކަކީ ސިޔާސީ ނުފޫޒުން މުޅިން އެއްކިބާވެ ރައްޔިތުން ބަލައިގަންނަ ގޮތަށް މަސައްކަތްކުރާ ފަރާތަކަށް ހެދުމަކީ ސަރުކާރުގެ ވައުދެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަކީ ޝަރަފުވެރި، ނޭދެވޭ ސިޔާސީ ނުފޫޒުން އެއްކިބާވެތިބޭ، އަދި ރައްޔިތުންގެ ލޯތްބާއި އިތުބާރުލިބިފައިވާ ޤާބިލް ބައެއްގެ ގޮތުގައި ދެމެހެއްޓުމަކީ ވެސް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ މުހިންމު ވައުދެކެވެ.

ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހަރުދަނާކޮށް، ޒަމާނަށް ބައްޓަންކޮށް، ފުލުހުންނާއި ސިފައިންނަކީ ރާއްޖޭގައި އުޅޭ އެންމެހާ މީހުނާއި، މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި، އަމާންކަމާއި، މިނިވަންކަން ކަށަވަރުކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް މުއައްސަސާއަކަށް ހެދުމަށް ވެސް ސަރުކާރުން ވައުދުވެ. ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަކީ، އެމުޢައްސަސާތަކަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، ޒަމާނީ ވަސީލަތްތަކާއެކު ޙަރަކާތްތެރިވާ ވަޒީފާގެ ރައްކާތެރިކަން ލިބިފައިވާ ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށް ވެސް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.