ޚަބަރު

ހޯރަފުށީގައި ހާފްވޭ ހައުސްއެއް އެޅުމުގެ މަސައްކަތް ފަށައިފި


ހއ.ހޯރަފުށީގައި ހާފްވޭ ހައުސްއެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއަރޒް އިން ހަދާ މި ހާފްވޭ ހައުސްގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ އިންނެވެ.

އެކުންފުނިން ބުނީ ހޯރަފުށީގައި ހަދާ ހާފްވޭ ހައުސްގެ މަސައްކަތަކީ އެކުންފުނިން ކުރާ ފުރަތަމަ މަސައްކަތްކަމަށެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތައް 5.99 މިލިއަންރުފިޔާއަށެވެ.

ހޯރަފުށީގައި ހަދާ މި ހާފްވޭ ހައުސް ޔުނިޓްގެ އެންމެހާ ކަންކަން ބަލަހައްޓާނީ މިނިސްޓްރީ އޮފް ހޯމްއެފެއަޒްގެ ދަށުން އުފައްދާފައި އޮންނަ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ބެލުމުގެ ދަށުންނެވެ. ހޯރަފުށީގައި ހަދާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބަޔާން ކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކިމުއްދަތުގައި ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނެރުމަށް ތައްޔާރު ކުރާ ޕްރޮގްރާމްތައް ހިންގުމަށާއި އެކުދިން ބައިތިއްބުމަށް ހަދާތަނެކެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 20 ނޮވެންބަރު 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާ ޤާނޫނެކެވެ.