ޚަބަރު

ބަޖެޓް 2023 : 42.6 ބިލިޔަންގެ ބަޖެޓެއް، ވަޢުދުތައް ފުއްދުމަށް ޙާއްސަ އިސްކަމެއް


އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 42.6 ބިލިޔަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

2023ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުންކަމަށެވެ. ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުންކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ. އިޖުތިމާޢީ އަދި އިޤްތިސާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުންކަމަށެވެ.

2023 ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 40.6 ބިލިއަން ރުފިޔާ ކަމަށާއި، އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ހިމެނެއެވެ.

މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެކަމަށެވެ. ތަކެއްޗާއި ޚިދުމަތް ހޯދުމާއި، ދަތުރުފަތުރާއި މަރާމާތު ފަދަ ރިކަރަންޓް ޚަރަދުތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކޮށްފައިވާއިރި ސަބްސިޑީ އާއި އެހީ ދިނުމަށް 6.6 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެކަމަށް ލަފާކޮށްފައިވެއެވެ. ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑަށް ޚަރަދުކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށެވެ. އެއީ ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގާނެ 8.4 ބިލިއަން ރުފިޔާއެވެ.

މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ކޯވިޑް-19ގެ ކުރީގެ އިގުތިސާދުގެ ލެވެލް ފަހަނައަޅައިދާއިރު، ދައުލަތުގެ އާމްދަނީވެސް ބޮޑުވެގެންދާނެކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު 21.8 އިންސައްތަ އިތުރު އަދަދެއް، މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިސްކަލް ކޮންސޮލިޑޭޝަންގެ ފިޔަވަޅުތަކާއެކު، އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 8.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެކަމަށްވަނީ ލަފާކޮށްފައެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 8.1 އިންސައްތަ ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާ، މިއީ ފިސްކަލް ސްޓްރެޓެޖީގެ ޓާގެޓާ އެއްގޮތަށް ޖީ.ޑީ.ޕީގެ ނިސްބަތުން 4.8 އިންސައްތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ 2023 ވަނަ އަހަރުގެ ޑެފިސިޓާއި ދަރަނި އަދާކުރުމަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޓްރާންސްފަރ ހިމަނައިގެން ބަޖެޓު ފައިނޭންސްކުރުމަށް 11.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެކަމަށެވެ.

"މީގެ ތެރެއިން 6.5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުން މީގެ ތެރޭގައި މަޝްރޫޢުތަކަށް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ޚަރަދުވާނެކަމަށް ބެލެވޭ 4.1 ބިލިއަން ރުފިޔާ ހިމެނޭ، ބޭރުން އިތުރަށް ހޯދުމަށް ރޭވިފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރަހުމަތްތެރި ދައުލަތްތަކުން ހޯދުމަށް ރޭވިފައިވާ 150 މިލިއަން އެމެރިކާ ޑޮލަރު ، މީގެ އިތުރުން އެތެރޭގެ ފަރާތްތަކުން 5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވޭ ، މީގެ ތެރެއިން 7.4 ބިލިއަން ރުފިޔާއަކީ ޓްރެޜަރީ ބިލު އިތުރަށް ވިއްކުމަށް ރޭވިފައިވާ ފައިސާ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ބަޖެޓުގެ ޕްލޭނަކީ މެދުރާސްތާގައި ދަރަނި މެނޭޖްކޮށް ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ދަށްކުރުންކަމަށެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރުމުގެ ސަބަބުންވެސް މެދުރާސްތާގައި ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުވާނެކަމަށާއި، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް 2021 ވަނަ އަހަރު ގެނައި ބަދަލާއެކު، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މުއްސަނދިވެ، ދަރަނި އަދާކުރުމަށް ބޭނުންވާ ޤާބިލުކަން މާ ބޮޑަށްވެސް އުފެއްދިގެންދާނެ ކަމަށެވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.