ޚަބަރު

ފައިސާއާއި ބާރު އޮތްހާ ދުވަހަކު މީހުންނަށް ކަންކަން ދަސްކޮށްދީ ސަދަޤާތް ކުރޭ: މެންކް

ފައިސާއާއި ބާރު އޮތްހާ ދުވަހަކު މީހުންނަށް ކަންކަން ދަސްކޮށްދީ ސަދަޤާތް ކުރަން ކޮންމެހެން ޖެހޭކަމަށް ދީނީ ޢިލްމްވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީ މެންކް އައްޑޫ ސިޓީގައި ދެއްވި ދަރުސް ޚާއްސަކުރީ "ޕްރޮޑަކްޓިވް މުސްލިމް" މި މަޢުޟޫއަށެވެ.
މުފްތީ މެންކް ވިދާޅުވީ އެކަކު އަނެއްކަކަށް އަޅާލުމަކީ އުފެއްދުންތެރިކަން އިތުރުވާ އެންމެ ބޮޑު ސަބަބުކަމަށެވެ. އަދި އެކަން ފެށިގެން އަންނަނީ ގޭތެރެއިންކަން މެންކް ފާހަގަކުރެއްވިއެވެ.

"ޕްރޮޑަކްޓިވް މުސްލިމް" މިމަޢުޟޫއަށް ދަރުސްދެއްވަމުން މުފްތީ މެންކްވަނީ ދުވާލުގެ ކޮންމެވެސް އެއްގަޑިއެއްގައި ކީރިތި ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަ ނުކުރެވޭނަމަ އެއީ ލަދުގަންނަންޖެހޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކީރިތި ޤުރުއާން ނުކިޔަވާ މީހެއްނަމަަވެސް ކީރިތި ޤުރުއާން ކިޔަވަން ފެށުމާއެކު އެކަމަށް ލޯބި ޖެހި ކީރިތި ޤުރުއާނާ އޮންނަ ގުޅުން ވަރުގަދަ ވާން ފަށާ ކިޔެވުމަށް ހިތް ޖެހޭނެކަމަށެވެ. ނަމަވެސް އުފެއްދުންތެރިކަން އިތުރުކުރުމަށް ކީރިތި ޤުރުއާން ކިޔެވުމުގައި ކޮންމެ ދުވަހަކުވެސް ވަގުތު ހޭދަކުރަން ޖެހޭކަން މެންކް ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް އިސްލާމް ދީނާ ގުޅޭ ކަންތައްތައް ދަސްކުރަންޖެހޭކަން ފާހަގަކުރައްވާ މެންކް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ދިނާ ގުޅޭ ކޮންމެވެސް ކަމެއް ދަސްކުރުމުގައި ވަގުތު ހޭދަ ކުރަން ޖެހޭކަމަށެވެ.

މުފްތީ މެންކް ވަނީ ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ދަސްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން
ފަރުޟު 5 ނަމާދުން ދަސްކޮށްދޭ އެއްކަމަކީ ވަގުތަށް ކަމޭހިތުންކަން މެންކް ފާހަގަކުރެއްވިއެވެ. މުޖުތަމަޢު ތެރެއިން ހިނގާދާކަންކަމުން މިސާލު ޖައްސަވާ މުފްތީ ވަނީ ސްކޫލަށްދާން ގަޑިއަށް ދަރިން ހޭލައްވާ ތައްޔާރުކުރާއިރު ފަތިސްނަމާދަށް ދަރިން ނުހޭލައްވާނަމަ ހަރުދަނާ އުފެއްދުންތެރި ބަޔަކަށް މުސްލިމުން ވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރަށް މެންކް ވަނީ ކަންކަން ހާސިލް ކުރުމަށާއި ކަންކަން ދެމެހެއްޓުމަށް އެކަކު އަނެއްކަކަށް ބާރު އެޅުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން މީހުންނަށް ރަނގަޅުކަންކަން ކުރުމަށް ދަސްކޮށްދިނުމަށް މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމަ ބާރުއެޅުއްވިކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުން އަންގައިދެނީ މީހަކަށް ކަމެއް ދަސްކޮށްދީފި މީހާއަށް ޤިޔާމަތްދުވަހާ ހަމައަށްވެސް އެކަމުން ސަވާބު ލިބޭނެކަމަށެވެ.