ސްޕެނިޝް ލީގުގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ވެލެންސިއާގެ ދަނޑުގައި ކުޅުނު މިމެޗް ބާސާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. ނަމަވެސް ވެލެންސިއާއިން ވަނީ މިމެޗްގައި ބާރސާއަށް ލަނޑެް ޖެހުނަ ނުދީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތް ކޮށްފައެވެ. މިމެޗްގައި ބާރސާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ޖަހާދިނީ ތަޖްރިބާކާރު ފޯވަދް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ މިސީޒަމްގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ބާރސާއަށް ލިބިގެން ގޮސްފައިވެއެވެ.
މިކާމިޔާބީއާއެކު ބާރސާއަށް މިހާރުވަނީ ކުޅުނު 12 މެޗުން ލިބިފައިވާ 31 ޕޮއިންޓާާއި ފައިދާ ގޯލްގެ ތަފާތުން ތާވަލްގެ އެއްވަނައަށް އަރާފައެވެ. ނަމަވެސް އެއީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވުރެ އެއްމެޗް އިތުރަށް ކުލެގެންނެވެ. މިނާކާމިޔާބީއާއެކު ވެލެންސިއާ މިހާރުވަނީ 15 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ވެއްޓިފައެވެ.