އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަނުގައި އޮތް ޓީމެއް ކަމަށްވާ ލީޑްސް ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވެއްޖެއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ލީޑްސް އަތުން އެ ޓީމު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން ލިވަޕޫލް ވަނީ ރެލިގޭޝަނުގައި އޮތް ނޮޓިންހަމް ފޮރެސްޓް އަތުން ވެސް ބަލިވެފައެވެ.
މި ބައްޔާ އެކު ލިވަޕޫލް އޮތީ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. އެއީ ކުޅުނު 12 މެޗުން ލިބުނު 16 ޕޮއިންޓާއެކު އެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ލީޑްސް އިން މި މެޗުގައި ވަނީ ލީޑު ނަގާފައެވެ. ލިވަޕޫލުން މެޗުގެ ފެށުން ހިތްދަތިކޮށް ފަށަން ޖެހުނު މި މެޗުގައި ލީޑްސްގެ ލަނޑު ކާމިޔާބުކޮށްދިނީ ލިވަޕޫލްގެ ޖޯ ގޯމޭޒް ހެދި ގޯހެއްގެ ފައިދާނަގައި ޖެރާޑް މޮރޭނޯ އެވެ. ނަމަވެސް މެޗުގެ 14 ވަނަ މިނިޓްގައި އެންޑީ ރޮބަޓްސަން ނެގި ހުރަހަކުން ލިވަޕޫލްގެ މުހައްމަދު ސަލާހް ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ލަނޑަށްފަހު ލިވަޕޫލަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ރޮބާޓޯ ފިރްމީނޯ ޑާވިން ނޫނޭޒަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މި ކުޅުންތެރިން ފޮނުވާލި ބޯޅަތައް ލީޑްސްގެ ކީޕަރު އިލާން މެލިއޭ ވަނީ މަތަކޮށްފައެވެ.
މެޗުން ލީޑްސް މޮޅުވި ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފަ ވަނިކޮށެވެ. މި ލަނޑު ކްރައިސެންސިއޯ ސްމާވިލް ކާމިޔާބުކޮށްފައިވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްގެންނެވެ.
މިއީ ރެލިގޭޝަން ޒޯނުގައި އޮތް ލީޑްސް އިން ރަށުން ބޭރުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 70 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.