މި އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މެލޭޝިއާޢާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.
އެކުވެރިކަމުގެ ގިނަ މެޗުތައް ކުޅުން އެއީ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އަމާޒެކެވެ. އަދި މުބާރާތްތަކަށް ކުރިމަތިލުމުގެ ކުރިން ޒުވާން ގައުމީ ޓީމެއް ބިނާކުރުން އެއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މޮރިއޭރޯއަށް ހަވާލުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ.
އެއާއެކު ގައުމީ ޓީމުން ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާކަން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ "ޕީއެސްއެމް ސްޕޯޓްސް" އަށް ކަށަވަރުކޮށްދެއްވާފައެވެ. މައުލޫމާތު ލިބޭ ގޮތުން އެފްއޭއެމުން އަންނަނީ ޑިސެމްބަރު މަހު އެކުވެރިކަމުގެ އިތުރު މެޗެއްވެސް ކުޅުމަށް މަސައްކަތް ކުރަމުންނެވެ.
ގައުމީ ޓީމުން ރަށުން ބޭރުގައި މެލޭޝިއާއާ ދެކޮޅަށް ނުކުންނައިރު، މެލޭޝިއާ އޮތީ ފީފާ ވޯލްޑް ރޭންކިންގެ 146 ވަނައިގައެވެ. އަދި އެންމެ ފަހުން ނެރުނު ވޯލްޑް ރޭންކިންގައި ރާއްޖެ އޮތީ 154 ވަނައިގައެވެ.
މީގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުވެސް ގައުމީ ޓީމުން ވަނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އެގޮތުން ބުރޫނާއީ ދާރުއްސަލާމުގައި ކުޅުނު މި ދެ މެޗުވެސް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮޮތުން ފުރަތަމަ މެޗުގައި ބުރޫނާއީ އަތުން ރާއްޖެ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ލާއޯސް އަތުން ރާއްޖެ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
ގައުމީ ޓީމުން މެލޭޝިއާއާ ދެކޮޅަށް ނުކުންނައިރު، ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީއަށް މި މެޗުގައި ނުކުޅެވޭނެއެވެ. އެގޮތުން އެންމެ ފަހުން ސެޕްޓެމްބަރު މަހު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަކުރަމުގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. އެ އަނިޔާއާ ގުޅިގެން އަކުރަމް ވަނީ ކަކުލުގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.