ޚަބަރު

"ދުޅަހެޔޮ އިޤްތިޞާދަކަށް، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ"


ޤައުމުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާ ހޭދަ އިތުރުކުރުމަކީ އެޤައުމެއްގައި އިޤްތިޞާދަށް ކުރިމަތިވާ ލޮޅުން ކުޑަކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭނެކަމެއްކަމަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސައިކޭޓްރިސްޓް ޑރ.ޕެޓްރިކް މެކްގޮރީ ވިދާޅުވެއްޖެއެވެ. މިއީ ރާއްޖެއަށް އެކަނި ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަމަށާއި، މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އަދި ކޯވިޑަށްވުރެވެސް ނުރައްކާ ބަލިމަޑުކަމެއްކަމެއްގެ ގޮތުގައި ޕެޓްރިކްވަނީ ސިފަކުރައްވާފައެވެ.

އައިޖީއެމްއެޗާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ބޭއްވި "ޔަންގް މައިންޑް މެޓަރސް" ޕަބްލިކް ލެކްޗަރ ހުށައަޅުއްވައިދެއްވީ އޮސްޓްރޭލިއާގެ ސައިކޭޓްރިސްޓް ޑރ.ޕެޓްރިކް މެކްގޮރީއެވެ. އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ މިލެކްޗަރގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އިތުރުން ދައުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މީގެއިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖް ތަކުގެ ދަރިވަރުންނާއި ލެކްޗަރާއިންވެސްވަނީ ބައިވެރިވެފައެވެ.


މިލެކްޗަރގައި ވާހަކަދައްކަވަމުން ޑރ.ޕެޓްރިކް މެކްގޮރީ ވަނީ އޮސްޓްރޭލިއާގެ ނަފްސާނީ ޙާލަތާއި ޔޫރަޕްގެ ބައެއް ޤައުމުތަކުގައި މިމައްސަލަ އޮތް މިންވަރު ބަޔާންކޮށް ތަފްސީލީގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ހިއްސާކޮށްދެއްވާފައެވެ. އެގޮތުން ނަފްސާނީ ބަލިމަޑުކަމަކީ، މިއަދު މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ ބަލިމަޑުކަމަކަށާއި، މީގެ ސަބަބުން އިޤްތިޞާދަށް ބޮޑެތި ގެއްލުންވަމުންދާކަމަށް ޑރ.ޕެޓްރިކް ވިދާޅުވިއެވެ. ނަތީޖާއެއްގެ ގޮތުން އިޤްތިޞާދު ދިރާސާކުރައްވާ މާހިރުންގެ ސަމާލުކަން މިކަމަށް ހުއްޓި، ވޯލްޑް އިކޮނިމިކް ފޯރަމްގައި މިކަމަށް މިހާރު މަޝްވަރާކުރެވޭ މަޢުޟޫއަކަށް ނަފްސާނީބަލިތައް ވެފައިވާކަމަށް ޑރ.ޕެޓްރިކްވަނީ ވިދާޅުވެފައެވެ.

ޑރ.ޕެޓްރިކްގެ ވާހަކަފުޅުއިގައި ވަނީ ޒުވާނުން ނަފްސާނީ ބައްޔަށް ހުށައެޅުމުގެ ސަބަބުން އުމުރު މަތިވާއިރު ބޮޑެތި ދާއިމީ ބަލިތަކަށް މަގުފަހިވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ޤައުމުގެ ދުރުރާސްތާއަށް ބަލާއިރު ޒުވާނުންގެ އުފެއްދުންތެރިކަން ދަށްވުމާއެކު، އުމުރުން ދުވަސްވާއިރު ބޮޑެތި ބަލިތަކަށް ފަރުވާކުރަންޖެހޭ ނިސްބަތް އިތުރުވުމުގެ ސަބަބުން އިޤްތިޞާދަށް އަންނަ ލޮޅުން ބޮޑުކަން ޑރ.ޕެޓްރިކް ފާހަގަކުރެއްވިއެވެ.


"ގިނަފަހަރަށް ސިއްޙީ ނިޒާމު ބައްޓަންކުރެވެނީ ޖިސްމާނީ ދުޅަހެޔޮކަމަށް ވިސްނައިގެންތިބެ، ނަތީޖާއެއްގެ ގޮތުން ނަފްސާނީ ބަލިތައް އިތުރުވެ އޭގެ ސަބަބުން ޖިސްމާނީ ބަލިތަކަށް އެބަ މަގުފަހިވެގެންދޭ. މިއީ އިކޮނޮމިސްޓުން ދެކޭގޮތުގައި މުޅި އިޤްތިޞާދަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުމެއް. ކޮންމެ ކުއްޖަކީވެސް މުހިއްމު ކުއްޖެ، އެހެންނަމަވެސް ވިޔަފާރިއާއި އިޤްތިޞާދީ ވިސްނުމުން ބަލާއިރު ޢުމުރުން 2 އަހަރުގެ ކުއްޖާއަށްވުރެ އުމުރުން 22 އަހަރުގެ ކުއްޖާގެ މުހިއްމުކަން ބޮޑުކަމަށް ވޯލްޑް ބޭންކުންވެސް ދެކޭ. އެއީ އެކުއްކާ އެހިސާބަށް އައުމަށް މުޅި އިޤްތިޞާދު ބޮޑު ހޭދައެއްކޮށްފައިވާތީ. ޑރ.ޕެޓްރިކް ވިދާޅުވިއެވެ.

ޑރ.ޕެޓްރިކްގެ ވާހަކަފުޅުއިގައިވަނީ ނަފްސާނީ ބަލިތަކާއި ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވާހަކަދައްކަވާފައެވެ. އެގޮތުން ނަފްސާނީ ބައްޔަކީ އެކަމާއި މެދު ވާހަކަދައްކަން ގިނަބަޔަކު ޖެހިލުންވާ ކަމެއްކަމަށްވުމުން އެކަމަށްވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލު ގެނެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ ވާހަކަދައްކަވާފައެވެ. މިލެކްޗަރގައި ނަފްސާނީ ބައްޔާއި ގުޅޭގޮތުން، އިވެންޓުގައި ބައިވެރިވި ގިނަ ބަޔަކުވަނީ ސުވާލުކޮށްފައެވެ. އަދި އެފަރާތްތަކުގެ ސުވާލުތަކަށް ވަރަށް ތަފްސީލުކޮށް ޑރ.ޕެޓްރިކް ވަނީ ޖަވާބުދެއްވާފައެވެ.


ރާއްޖޭގައި ނަފްސާނީ ބަލި ތަޙައްމަލުކުރަމުންދާ މީހުންގެ ޢަދަދު އިތުރުވަމުން ދިޔުމުގެ ކަންބޮޑުވުން ޑޮކްޓަރުން އަންނަނީ ފާޅުކުރައްވަމުންނެވެ. ނަފްސާނީ ބައްޔާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުވަމުން އަންނައިރު ވޭތުވެދިޔަ 4 އަހަރުތެރޭގައި މިދާއިރާ ހަރުދަނާކޮށް ބައްޔަށް ރަނގަޅު ފަރުވާ ދިނުމަށް ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ.