ވިޔަފާރި

އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓްކުރަން ބޭނުންވާ އެއް ޤައުމަކީ ރާއްޖެ: މައުސޫމް


އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓްކުރަން ބޭނުންވާ ޤައުމަށް ދިވެހިރާއްޖެ ވެއްޖެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަހަރުގެ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، މުޅި ދުނިޔޭގައިވެސް މިހާރު އިންވެސްޓްމަންޓަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. ވަކިން ޚާއްސަކޮށް ފައިނޭންސް ހޯދުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިިއެވެ.



ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީގެ %46 ހިއްސާކުރަނީ ފަތުރުވެރިކަންކަމަށެވެ. 1980 ވަނަ އަހަރު ޖީޑީޕީ ޕަރ ކެޕިޓަރއަކީ 275 ޑޮލަރުކަމަށާއި، ނަމަވެސް 2019 ވަނަ އަހަރު މި އަދަދު 10،540 ޑޮލަރަށް އަރާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތް ބޮޑު ދައުރެއް އަދާކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


"އަހަރެމެން ވިސްނަންވީ ޤައުމަށް ފައިދާ ކުރާނެ ފަދަ ގޮތަކަށް. ބައެއް ފަހަރު އެއީ އެންމެ މަޤްބޫލު ކަމަށް ނުވެދާނެ. ބޭނުންވަނީ ރާއްޖޭގެ ވިޔަފާރިތައް ރާއްޖޭގެ ކުންފުނިތަކުން އޮޕަރޭޓްކުރަން. އެހެންނަމަވެސް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ރާއްޖެ އައިސް އިންވެސްޓްކުރުމަށް ބާރުއަޅަންޖެހޭ. ފަތުރުވެރިކަމުގެ ސިނާއަތުގެ ޤާނޫނުތަކާއި ޤަވައިދުތައް އިންވެސްޓަރުންނަށް ފަހިވާނެގޮތައް ބައްޓަންކޮށްދިނުމަށް މަޖިލީހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި، އިޖްތިމާއީ އަދި ހިންގުމުގެ ދާއިރާގެ ކަންކަން ކުރިއެރުވުމުގައި އެކައުންޓެންޓުން މުހިންމު ދައުރެއް އަދާކުރާކަމަށެވެ. ރާއްޖޭގެ އެހެން ސިނާއަތްތަކެކޭ އެއްފަދައިން އެކައުންޓިން ދާއިރާއަށްވެސް އިންސާނީ ވަސީލަތް މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް އީއެސްޖީ ރިޕޯޓިންގ އެވޯޑްވެސް ތައާރަފްކޮށްފައެވެ. މިއީ ވިޔަފާރިތަކުން ކުރާ މަސައްކަތް ފާހަގަކޮށް މިކަމަށް ބާރުއެޅުމުގެ ގޮތުން ތައާރަފްކޮށްފައިވާ އެވޯޑެކެވެ.