ޚަބަރު

އިޤްތިޞާދީ ގޮންޖެހުންތަކުން އަރައި ގަނެވޭނީ ޓެކްސް ބޮޑުކޮށްގެން: ރާޢީ


މުދަލާއި ޚިދުމަތުގެ އަގުން ނަގަމުން އަންނަ ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތައް ރައްޔިތުންނަށް ކުރިމަތިވާ މިންވަރު ވީހާވެސް ކުޑަކުރުމަށްޓަކައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ޓެކްސްގެ ނިޒާމުގެ ތެރެއިން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ބާބު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ، ކޯވިޑް-19ގައި ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކާއި، ރަޝިޔާ، ޔޫކްރައިގެން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވާ ގޮންޖެހުންތަކުން ރާއްޖެއަށް އަސަރު ކުރާ މިންވަރު ބޮޑުކަމަށެވެ.

މިހާތަނަށްވެސް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކުގައި ރައްޔިތުންނަށް އެކަމުގެ އަސަރު ވީހާވެސް ކުޑަ ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ރާއީ ވިދާޅުވިއެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވާއިރު، އެތެރެކުރާ މުދަލުގެ އަގު ހިފެހެއްޓުމާއި، ރައްޔިތުންގެ ލާބަޔަށް ހިންގާ އެއްވެސް މަޝްރޫޢެއް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ސަރުކާރުން ރައްޔިތުންނަށް ދޭ އިސްކަން ހާމަވާކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ޓެކްސް ބޮޑުކުރުމަށް މިދަނޑިވަޅުގައި ސަރުކާރުން ހުށަހެޅި އެންމެ މުހިންމު ބޭނުމަކީވެސް ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ އަސަރުގެ ދިވެހި ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުންކަމަށް ރާއީ ވިދާޅުވިއެވެ. މިބަދަލުގެ ހެޔޮ ނަތީޖާ ދެތިން މަހުން ނެފުނު ކަމުގައި ވީނަމަވެސް، މީގެ އޭގެ ހެޔޮ ނަތީޖާ މީގެ ހަތަރު ފަސް އަހަރެއް ފަހުން ފެންނާނެކަމަށް މެންބަރު ރާއީ ވިދާޅުވިއެވެ.

"ސިޔާސީ ގޮތުން ވިސްނާމަ، މިއީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އަކަށް މޮޅެއް އޮތްކަމެއް ނޫން މިއީއަކީއެއް. އަދި ކުރިއަށް އަމުދުން ރިޔާސީ އިންތިޚާބު އޮވެ އެމްޑީޕީއަށްވެސް ސިޔާސީ ވިސްނުމަކުން ވިސްނާނަމަ އެހާ މޮޅު ގޮތަކަށް ނުވެދާނެ. ނަމަވެސް މިއީ ދިވެހި ރައްޔިތުންނަށް ދިވެހި ޤައުމު އިސްމިކުރީ މިކަމުގައި. މިއަދުގެ ރައީސް އަދި އެމްޑީޕީއަކީ އަމިއްލަ އެދުމަށްވުރެ ދިވެހި ޤައުމާއި ދިވެހިންގެ މަސްލަހަތު އިސްކުރާ ބައެއް." މެންބަރު ރާއީ ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމީ ބޭރުގެ އެހީތެރިކަން ނުލިބޭތީކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ރާއީ ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ދުނިޔެއާއި އެކަހެރިވެ އުޅުނަސް މިސަރުކާރަކީ ދުނިޔޭގެ ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރާ ޤައުމެއްކަމަށެވެ. ބޭރުގެ އެހީ ނުލިބޭކަމަށް ދައްކާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއްނޫން ކަމަށާއި، ރާއްޖޭގައި އެތައް ބައިވަރު ޕްރޮޖެކްޓެއް ބޭރުގެ އެހީއާއިއެކު މިހާރުވެސް ހިނގަމުންދާކަމީ ފެންނަމުންދާ ހަގީގަތެއްކަމަށް ރާއީ ވިދާޅުވިއެވެ.

ކޯވިޑަށްފަހުވެސް އަދި މިހާރުވެސް އިޤްތިޞާދީ ގޮތުން ހުރި ގޮތުން ޖެހުންތަކުން އަރައި ގަތުމަށް ރާއްޖެއަށް ދުނިޔޭގެ މާލީ އިދާރާތަކާއި، ޤައުމުތަކުގެ އެހީތެރިކަން ލިބެމުންދާކަމަށް ރާއީ ވިދާޅުވިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ހުށައެޅި އިޞްލާހުގައިވަނީ، ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.

ޓެކްސް ބޮޑުކުރުމާއި ބެހޭގޮތުން ކަމުގެ މާހިރުންނާއި ސަރުކާރުން ވާހަކަދައްކާފައިވާނެ ކަމަށާއި، ބައިނައްލަގުވާމީ ޖަމިއްޔާތަކުގެ ލަފާވެސް ހޯދާފައިވާނޭކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.