ވިޔަފާރި

އެކައުންޓިންގެ ދާއިރާއަށް ޒުވާނުން އިތުރުވާން ފަށައިފި: ނިޔާޒީ


މިއަހަރުގެ "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް" ފަށައިފިއެވެ. މިއީ ރާއްޖޭގައި އެކައުންޓެންޓުންނަށް ޚާއްޞަކޮށްގެން ބާއްވާ އެންމެ ބޮޑު މަހާސިންތާއެވެ.

އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްއަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ޚާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ފޯރަމެވެ. މިއަހަރުގެ އެކައުންޓެންޓްސް ފޯރަމް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީންކޮށް އެކައުންޓިންގ ޕްރޮފެޝަން ކުރިއެރުވުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ފޯރަމެކެވެ. މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "އިކޮނޮމިކް ޓްރާންސްފޮމޭޝަން، ރީތިންކިންގ ގްރޯތު އިން ދި ނިއު އިކޮނޮމީ"އެވެ.

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވީ، އެކައުންޓިންގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން މި ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ.

އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މި ސިނާއަތު ކުރިއަރުވައި ކޮލެޓީ ހިފެހެއްޓުމަށް ސީއޭ މޯލްޑިވްސްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެކައުންޓިންއަކީ މުޖްތަމައުއާއި ނުހަނު ގުޅުންހުރި ދާއިރާއަކަށް ވުމުގެ ސަބަބުން މިކަމުގެ ސްޓޭންޑާރޓް ހިފެހެއްޓުމަށް މި ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ބައިނަލްއަޤްވާމީ ސްޓޭންޑަރޓް ހިފެހެއްޓުމަށް ސީއޭ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޖަމުއިއްޔާއަށް މިހާރު ސައުތު އޭޝިއަން ފެޑަރޭޝަން އޮފް އެކައުންޓެންޓްސް، ސާފާގެ މެންބަރަކަށް ވެވިފައިވާކަން ނިޔާޒީ ފާހަގަކުރެއްވިއެވެ.

"މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ސްކީމްގެ ދަށުން މި ދާއިރާއަށް 150 ސްކޮލަރޝިޕް ވަނީ ފޯރުކޮށްދީފައި. 190 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީގެ ދަށުން ވަނީ ފޯރުކޮށްދީފައި. ހަޔަރ އެޑިޔުކޭޝަން ސްކީމްގެ ފުރުސަތުތަކަށް 500 އަށްވުރެ ގިނަ ކުދިން ވަނީ ހުށައަޅާފައި. 1200 އަށްވުރެ ގިނަ ކުދިން އިކޮނޮމިކް މިނިސްޓްރީގެ ސްކީމްއަށް ވަނީ ހުށައަޅާފައި. މިކަމުން ހާމަވެގެންދާކަމަކީ ޒުވާނުންގެ މެދުގައި އެކައުންޓިންގެ ދާއިރާއިން ކުރިއަށްދިއުމަށް އޮތް ޝައުގުވެރިކަން" ނިޔާޒީ ވިދާޅުވިއެވެ.

މިއަހަރުގެ އެކައުންޓެންޓްސް ފޯރަމްގައި ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ދާއިރާ، ސަސްޓެއިނަބަލް ފައިނޭންސިންގ އަދި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ތަފާތު ގިނަ އިންޑަސްޓަރީތަކުގައި ހުރި އެކި ގޮންޖެހުންތަކަށް އަލިއަޅުވާލެވިގެންދާނެކަމަށް ސީއޭ މޯލްޑިވްސްއިން ވިދާޅުވެއެވެ. މި ފޯރަމް ކުރިއަށްދާނީ 2 ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައެވެ.