ޚަބަރު

ޤައިދީންނަށް ޖަލުތަކުގައި ދެވެން ނެތް ފަރުވާ ދިނުމުގެ އޮޕަރޭޝަން ފަށައިފި


ޖަލުތަކުގައި ޤައިދީންނަށް ދެވެން ނެތް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށްޓަކައި، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ޚާއްޞަ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ފަށައިފިއެވެ.

"އޮޕަރޭޝަން ހޭހަން"ގެ ނަމުގައި ތިން ހަފްތާގެ މުއްދަތަށް ފެށި މި އޮޕަރޭޝަނަކީ ޖަލުގައި ތިބި ޤައިދީންނާއި، ބަލި މީހުންގެ ތެރެއިން ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް، ޖަލުގައި ތިބޭ ޑޮކްޓަރުން ލަފާދީފައިވާ ޤައިދީންގެ އަދަދު އިތުރުވަމުންދާތީ އެކަން ހައްލު ކުރުމަށް ކުރިއަށް ގެންދެވޭ ޚާއްސަ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ގައިދީންނާއި ބަންދު މީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދާއި، ކަރެކްޝަންގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މި އޮރޭޝަންގައި 70 އަށްވުރެ ގިނަ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި އޮޕަރޭޝަންގެ ތެރެއިން ބަލި ހާލަތު ސީރިއަސް ނުވަތަ އަވަސް ފަރުވާދޭންޖެހޭ މީހުން ދެނެގަނެވި އެމީހުން ހޮސްޕިޓަލުތަކާއި އެނޫންވެސް ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ގެންގޮސްގެން ދޭންޖެހޭ ފަރުވާ ދެވޭނެކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.

މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ނިޒާމީ ބަދަލުތަކެއް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަނެވި، ކަރެކްޝަނާއި އަލަށް ގުޅޭ އޮފިސަރުންނާއިއެކު މިކަމަށް ޚާއްސަ ސަމާލުކަމެއް ދެވޭނެ ގޮތަށް ނިޒާމު އިތުރަށް ޚަރަދުދަނާ ކުރެވިގެންދާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއެވެ.