ވިޔަފާރި

ހަނިމާދޫ އެއަރޕޯޓަށް 32 އަހަރުން ނުލިބުނު ތަރައްޤީ ބަދަލުކޮށްލާނީ މި ސަރުކާރުން


ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި އޮތް އިންޓަނޭޝަނަލް މަދު އެއަރޕޯޓްތަކުގެ ތެރެއިން އެ އެއަރޕޯޓެވެ. މި އެއަރޕޯޓަށް 32 އަހަރު ފުރިފައިވާއިރު ބައިނަލްއަޤްވާމީ އެއަރޕޯޓަކުން ލިބެންޖެހޭ ހިތްހަމަޖެހުމާއި އުފާވެރިކަން އެ ސަރަހައްދުގެ ރައްޔިތުންނަށް އަދި ނުލިބެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ މިކަން ބަދަލުކުރުމުގެ މަސައްކަތް ފައްޓަވާފައެވެ.

ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރީ 2012ވަނަ އަހަރުއެވެ. ނަމަވެސް ޚިދުމަތުގެ ގޮތުންނާއި ޢުމްރާނީ ތަރައްޤީގެގޮތުންވެސް މިހާތަނަށްވެސް އެއްވެސް ކުރިއެރުމެއް ގެނެސްފައެއް ނެތެވެ. ވައިގެ ދަތުރުފަތުރުގެ ބޮޑު ހަބަކަށް، ހަނިމާދޫ އެއަރޕޯޓު ހަދާނެކަމުގެ ހުވަފެން ހުރިހާ ސަރުކާރުތަކުންވެސް ދައްކަމުން ދިޔައެވެ.

ހަނިމާދޫ އެއަރޕޯޓުން މިހާރު ރާއްޖެއިން ބޭރު ދަތުރެއް ބާއްވަނީ ހަފްތާއަކު އެއް ދުވަހުއެވެ. އަދި މި ދަތުރު ބާއްވަނީވެސް ހަމައެކަނި އިންޑިއާއަށެވެ. މިއާއެކު ގިނަ ބަޔަކު މި ޚިދުމަތް ހޯދުމަށް އަދިވެސް ދާންޖެހެނީ މާލެއަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް ގިނަ ދުވަސްތަކެއް ވެގެންދިޔައިރު އެ އެއަރޕޯޓަށް އަންނަންޖެހޭ ތަރައްޤީ އެއްވެސް ސަރުކާރަކުން ގެނެސްދީފައި ނުވުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓަށް 32 އަހަރު ފުރިގެން ދިޔައިރު މިދިގު މުއްދަތުގައި އެ އެއަރޕޯޓަށް އަންނަންޖެހޭ އެއްވެސް ކުރިއެރުމެއް އައިސްފައި ނުވާކަމަށެވެ. ނަމަވެސް މިކަން މި ސަރުކާރުން ބަދަލުކޮށްލާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކޮށް، ރާއްޖޭގެ މައި ސަރަޙައްދުތައް އިޤްތިޞާދީގޮތުން ހުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތަޞައްވުރެވެ. މި ރޮނގުން ރާއްޖޭގެ ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ސަރުކާރުން އިޢުލާންކޮށްދެއްވި އެންމެ އުންމީދީ މަޝްރޫޢުއަކީ އެ ސަރަޙައްދުގެ މައި އެއަރޕޯޓް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ފުރިހަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހައްދަވައިދެއްވުމުގެ ވަޢުދެވެ.

މި ބިޔަ މަޝްރޫގެ އެއްބަސްވުންވެސް މިހާރު ވަނީ ޤާއިމުކޮށްފައެވެ. މި މަސައްކަތް މިދިޔަ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ވަނީ ހަވާލުކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުންކަމަށެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރާނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ޤާއިމުކުރެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ހާމަކުރައްވައެވެ.

މި އެއަރޕޯޓާއިއެކު އެ ސަރަހައްދަށް ފަތުރުވެރިކަމުގެ ފޮނި މީރުކަންވެސް ލިބެންފަށާނެއެވެ. ސަރުކާރުގެ އަމާޒަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއިއެކު އެ ސަރަހައްދަށް ފަތުރުވެރިކަން ފުޅާކޮށް އެ ސަރަހައްދަށް 8000 އެނދު ގެނައުމެވެ. ފަތުރުވެރިކަމުގެ އިތުރުންވެސް އިޤްތިސާދީގޮތުންވެސް މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް މަންފާ ކުރާނެ ބިޔަ މަޝްރޫއަކަށްވެގެންދާނެއެވެ.