ޚަބަރު

އެސްޓީއޯ އޭދަފުށި ކަޕް: ހުސްސޮނގުން ބަލިކޮށް އެމްވީ ޔުނައިޓެޑުން ތަށި ދިފާއުކޮށްފި


އެސްޓީއޯ އޭދަފުށި ކަޕް 2022 ގެ ފައިނަލް މެޗުގައި ހުސްސޮނގުން ބަލިކޮށް މި މުބާރާތުގެ ތަށި އެންމެ ފަހުގެ ޗެމްޕިއަން އެމްވީ ޔުނައިޓެޑުން ދިފާއުކޮށްފިއެވެ.

އެ ޓީމުން ޗެމްޕިއަންކަން ހޯދީ ހުކުރު ދުވަހުގެ ހަވީރު އޭދަފުށި ޓާފް ދަނޑުގައު ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ހުސްސޮނގުންނެވެ. އެގޮތުން މެޗުގެ ކުރީކޮޅު ނުރައްކާތެރި ދެ ހަމާލާއެއް އެމްވީ ޔުނައިޓެޑުގެ ގޯލަށް އިޝާން އިބްރާހީމް (ސައްޓު) ވަނީ ފޮނުވާލާފައެވެ. މީގެ ތެރެއިން އެއް ހަމަލާ ދިފާއުކުރީ އެމްވީ ޔުނައިޓެޑުގެ ގޯލު ބެލެހެއްޓި ކުރީގެ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަންއެވެ. އަދި މި މެޗުގައި އެމްވީ ޔުނައިޓެޑުގެ ކީޕަރު ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މއީ ޒިޔަޒަން މި މުބާރާތުގައި ކުޅުނު ހަމައެކަނި މެޗެވެ.

ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ ހުސްސޮނގުން ވަނީ ލީޑު ނަގާފައެވެ. މި ހާފު ފެށިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު އަޖުފާނެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން އެމްވީ ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ގައުމީ ޓީމްގެ މިޑްފީލްޑަރު ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ ލަނޑެއް ޖަހައި، އެމްވީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި އެމްވީ ޔުނައިޓެޑުން ލީޑު ފުޅާކުރީ މެޗުގެ 71 ވަނަ މިނެޓުގައި ގައުމީ ޓީމްގެ ޑިފެންޑަރު ހައިޝަމް ހަސަން ކާމިޔާބުކުރި ލަނޑާއެކުއެވެ. އަދި މި މެޗުގެ ފަހު ލަނޑުވެސް ޖަހާފައިވަނީ ހައިޝަމެވެ. އެއާއެކު އޭނާ ވަނީ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތރިޔާގެ މަގާމުގެ އިތުރުން އެންމެ މޮޅު ފޯވާޑުގެ މަގާމުވެސް ހޯދާފައެވެ.

މި މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިއަކަށް ހޮވުނީ ވެލާ ސްޕޯޓްސް ކުލަބުގެ ސާހީ މުސާއެވެ. އަދި އެންމެ މޮޅު ޑިފެންޑަރަކަށް ހުސްސޮނގުންގެ ފަހަތަށް ކުޅުނު ޝަމްވީލް މުޙައްމަދު ހޮވުނުއިރު، އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު ޝާހިދެވެ. މީގެ އިތުރުން މި މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ހުސްސޮނގުންގެ އަޙްމަދު ފާތިންއެވެ.

އޭދަފުށި ކައުންސިލުން އިންތިޒާމުކޮށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވަނީ ވާދަކޮށްފައެވެ. މިއީ އެ ރަށު ކައުންސިލުން ބޭއްވި ދެވަނަ ފުޓްބޯޅަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑުން ހޯދިއިރު، މިދިޔަ އަހަރު ޗެމްޕިއަނުންނަކީވެސް ހަމަ އެ ޓީމެވެ.