ޚަބަރު

ކުޑަގިރި ޕިކްނިކް އައިލެންޑް: އެއްފަހަރާ 500އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ދެވޭނެ


ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެ ސަރަޙައްދުން ދަތުރުދިއުމަށް ރަށެއް ތަރައްޤީކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވެވަޑައިގެން ވަޢުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ރަށުގެ ބޮޑެތި ގިނަ މަސައްކަތްތައް ނިމި މިހާރު އޮތީ އާއްމުންނަށް ހުޅުވާލަން ތައްޔާރުވެފައެވެ. މާލެއިން 10 މިނެޓުގެ ލޯންޗު ދަތުރެއްކޮށް ދެވޭހާ ކައިރީގައި އޮތް ކުޑަގިރި ޕިކްނިކް އައިލެންޑަކީ 8 ހެކްޓަރުގެ ރަށެކެވެ. އަދި 1.5 ހެކްޓަރުގެ ފިނޮޅެއްވެސް މި މަސައްކަތުގައި ހިމެނެއެވެ.

ސަރުކާރު ޙިއްސާވާ 5 ކުންފުންޏަކުން އިސްވެ ކުރިއަށްގެންދާ މި މަސައްކަތް ސަރުކާރުގެ ފަރާތުން އެންމެ ގާތުން ބަލަހައްޓަވަނީ ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރަށަށް ޒިޔާރަތްކޮށް، އެސްއޯއީތަކާއި ގަވައިދުން ބައްދަލުކުރައްވައެވެ.

ސަރުކާރުން ޢަމާޒުކޮށްފައިވަނީ ޕިކްނިކް އައިލެންޑް ނިންމާ ނޮވެމްބަރުމަހުގެ ތެރޭގައި އާއްމުންނަށް ހުޅުވާލުމަށެވެ.

ކުޑަގިރީގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް، ނައިބު ރައީސް ފައިސަލް ނަސީމް އެ ރަށަށް ކުރެއްވި ދަތުރުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވިދާޅުވީ، މި މަސައްކަތަކީ އިތުރު ފުރިހަމަކަމަކާއެކު ކުޑަބަނޑޮސް އަލުން އެނބުރި މި ސަރަޙައްދަށް ލިބުންކަމަށެވެ. އަދި މިއީ ހަފްތާ ބަންދުގެ އުފާ، އާއިލާއާއެކު މަޖާ މާޙައުލެއްގައި ލިބިގަނެވޭގެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމި ވަރަށް މުހިންމު މަސައްކަތެއްކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދަތުރުދެވޭނެ މިފަދަ ތަނެއް މި ސަރަޙައްދުގައި ނެތުމަކީ، ރައްޔިތުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެއްކަމަށެވެ.

ރަށް ތަރައްޤީކުރަނީ ޕިކްނިކް އައިލެންޑަކުން ލިބޭނެ އެންމެހާ ޚިދުމަތްތަކާ ފެސިލިޓީތަކާއެކުއެވެ. މިއީ މިހާ ފުރިހަމައަށް ސަރުކާރުގެ ފަރާތުން ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ ފުރަތަމަ މަޝްރޫޢުއެވެ.

ނާއިބު ރައީސް ވިދާޅުވީ ރަށުގައި ޤާއިމުކޮށްފައިވާ ގިނަ ފެސިލިޓީތަކާއެކު، އެއްފަހަރާ ގިނަ ބަޔަކަށް ޚިދުމަތް ދެވޭނެކަމަށެވެ.

"އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ މިވަނީ ޤާއިމުކޮށްފަ. ކުޅިވަރު ކުޅެ، މޫދަށް އެރުމުގައިވެސް ދައްޗެއް ދިމައެއް ނުވާނެ. މިއީ މި ޒަމާނުގެ ކުޑަ ބަނޑޮސް." ނައިބު ރައީސް ވިދާޅުވިއެވެ.

ރަށް ހުޅުވާލާނީ ރަށުގެ ފުރަތަމަ ފިޔަވަހީގައި ހިމަނާފައިވާ ހުރިހާ މަސައްކަތެއް ނިންނުމަށްފަހުގައެވެ. ދަތުރުދާ މީހުން ބޭނުންކުރުމަށް ރަށުގެ އެކި ހިސާބުތަކުގައި ހަޓުތައް ހެދުމާއި، މިސްކިތާއި، ފާހަނައާއި، އައުޓްޑޯރ ފެންމާގަނޑުތައް ބެހެއްޓުމާއި، އަދި މުޅި ރަށުގެ ޔުޓިލިޓީ ޚިދުމަތްތައްވެސް ވަނީ ގުޅާ ނިމިފައެވެ.

މިއިން ކޮންމެ ޚިދުމަތެއް ޤާއިމުކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭގޮތަށްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އަދިވެސް އިތުރު ގިނަ ކަންތައްތަކެއް ޕިކްނިކް އައިލެންޑަށް އިތުރުވާނެކަމަށެވެ.

"ޑޭ ރޫމްތައް، އެކި ކުޅިވަރު ފެސިލިޓީތައް، ޑައިވިން، ވޯޓަރ ސްޕޯޓްސްގެ ފެސިލިޓީ އަންނާނެ. ބޭނުންވަނީ އެޑިއުކޭޝަނަލް ތަނެއްގެ ގޮތުގައިވެސް މިތަން ބޭނުންކުރެވުން. އަދި ސިންގަލް ޔޫސް ޕްލާސްޓިކް ނޭރުވޭ ރަށެއްގެ ގޮތުގައި، އަދި ސްމޯކިންވެސް ވަކި އޭރިއާއެއްގައި ނޫނީ ނުކުރެވޭގޮތަށް." ނައިބު ރައީސް ވިދާޅުވިއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ތަރައްޤީކުރީ، ފަރެއް ހިއްކައިގެން ކަމަށްވުމާއެކު، އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ކުރަމުންދަނީ، ރަށް ފެހިކުރުމުގެ މަސައްކަތެވެ. އަދި ރަށް ހުޅުވާލުމުގެ ކުރިން، ރަށަށް ދަތުރު ކުރުމާއި ރަށް ބޭނުންކުރާނެ ގޮތުގެ އުސޫލުތައް ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.