ޚަބަރު

ރަޝީދު ނިޔާވި ޙާދިސާ ރަނގަޅަށް ތަޙުޤީގުކުރަން ރައީސްގެ އިރުޝާދު


ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ޢަބްދުﷲ ރަޝީދު ނިޔާވި ޙާދިސާގައި ކަންހިނގާދިޔަގޮތް ރަނގަޅަށް ތަޙުޤީގުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިރުޝާދުދެއްވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު، ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެ ރަށު އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދު ނިޔާވީ، ހަމަ އެ ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރާއިރު ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނުން މިހާރު އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އެ މައްސަލަ އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަޙުޤީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ހިންގާ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

ފުލުހުން ރަޝީދު ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރާކަމުގެ ތުހުމަތުގައެވެ. ފުލުހުން ވިދާޅުވީ، އޭނާ ނިޔާވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ.މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގެ ތަހުގީގަށް ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމާފައިވާއިރު، ރަޝީދުގެ އާއިލާއިން އަންނަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އަދި މިއީ ކަނޑައެޅިގެން ފުލުހުންގެ އިހުމާލުން ހިނގި ކަމެއް ކަމަށް ބުނެ ޕޯސްޓްމޯޓަމް ހަދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އާއިލާއިން އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް މި މައްސަލައިގައި އިންސާފަށް ވާސިލްވުމަށް މުހިންމުކަމަކަށްވާތީ ތަހްޤީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖްރާއަތުގެ ދަށުން ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

ފުލުހުން ޤާނޫނާއި ގަވާއިދާ ޚިލާފުވެއްޖެނަމަ އެމައްސަލަ ބެލުމުގެ ޤާނޫނީ ބާރު ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ލިބިގެންވެއެވެ. އެންއައިސީގެ އިތުރުން މިމައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިންވެސް އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މި މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވާނަ މުވަތަ އަނިޔާވެރިވެފައިވާކަމަށް ތަޙުގީގަށް ސާބިތުވެއްޖެނަމަ މިމައްސަލައިގައި ހިމެނޭ ފުލުހުންނާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާންވަނީ ވިދާޅުވެފައެވެ.