ސިއްހަތު

އިންޑިޔާ ހައިކޮމިޝަނުން ބާއްވާ މެޑިކަލް ކޭމްޕް ފަށައިފި


އިންޑިއާގެ ތަޖުރިބާކާރު ޑޮކްޓަރުންނާއެކު ހިލޭ ފަރުވާދޭ މެޑިކަލް ކޭމްޕެއް އައި.ޖީ.އެމް.އްޗެގައި ފަށައިފިއެވެ.މި ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމަށް ސަތޭކައަށްވުރެ ގިނަ މީހުން ނަންނޯޓްކޮށްފައިވާ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވިއެވެ.ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިސްނަގައިގެން އައި.ޖީ.އެމް. ހޮސްޕިޓަލާއި، ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ- މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރި މި ކޭމްޕް ފެށީ މިއަދު ހަވީރު އައި.ޖީ.އެމް.އެޗް ގައެވެ. މިކަމަށް ޚާއްޞަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޭމްޕް ފައްޓަވައިދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއަން ހައިކޮމިޝަނަރ އަކިލޭޝް މިޝްރާއާއި ،އައި.ޖީ.އެމް.އެޗުގެ ސީއީއޯ ބްރެގޭޑިއަރ ރިޓަޔަރޑް ޖެނަރަލް ފަރުޙތު ޝަހީރެވެ.ހިލޭ ޑޮކްޓަރަށް ދެއްކޭ ކޭމްޕް މިއަދުން ފެށިގެން ބުރާސްފަތިދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެއެވެ. މިކޭޕްގައި ޙަރަކާތްތެރިވާ ޑޮކްޓަރުންނަށް ދެއްކުމަށް ސަތޭކައަށްވުރެ ގިނަ މީހުން ނަންނޯޓްކޮށްފައިވާ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.އައި.ޖީ.އެމް.އެޗްގެ މެޑިކަލް ޑައިރެކްޓަރ ޑރ. ޢަލީ ނަޒީމް ވިދާޅުވީ، ކޭމްޕްގައި ފަރުވާދޭ ޚާއްޞަ ދާއިރާތައް ކަނޑައަޅާފައިވަނީ ރާއްޖޭގައި މިހާރު ލިބެން ނެތް ފަރުވާއަށް ބޮޑަށް އަމާޒުކޮށްގެން ކަމަށާއި، އެގޮތުން މިކޭމްޕުގައި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި، ކިޑްނީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކާއި ކުޑަކުދިންގެ ކަށީގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރަކު ފަރުވާ ދެއްވާނެ ކަމަށެވެ. އަދި މި ފަރުވާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްދެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް އިންޑިއާ ހައިކޮމިޝަނާ ގުޅިވަޑައިގެން އިތުރު މަސައްކަތްތަކެއް ކުރައްވާނޭކަމަށް ވިދާޅުވިއެވެ.ނަޒީމް ވިދާޅުވިގޮތުގައި ކޭމްޕް ކުރިޔަށްދާނީ ތިން ބަޔަކަށް ބަހާލެވިގެންނެވެ. އެގޮތުން  ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު ބައްލަވާނީ މިއަދުން ފެށިގެން މިމަހުގެ ސޯޅައިގެ ނިޔަލަށެވެ. ޔޫރޯ ކޭމްޕްގެ ނަމުގައި ކުރިޔަށް ގެންދާ މިބައިގައި ފަރުވާ ދެއްވަނީ ބެންގަލޫރުގެ އެން.ޔޫ ހޮސްޕިޓަކުގެ ޔޫރޯލޮޖިސްޓް ޑރ.ޕްރަސައްނަ ވެންކަޓޭޝްއެވެ. 60 މީހުން އޭނާއަށް ދެއްކުމަށް ނަންނޯޓްކޮށްފައިވެއެވެ. އަދި ކިޑްނީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު މާދަމާއިން ފެށިގެން ދެދުވަހުގެ މުއްދަތަކަށް ބަލިމީހުން ބައްލަވާނެއެވެ. 10 ކުއްޖަކު އެޑޮކްޓަރަށް ދައްކަން ނަންނޯޓްކޮށްފައިވެއެވެ. އަދި މާދަމާއިން ފެށިގެން މިމަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށް މިކޭމްޕުގައި ،ކުޑަކުދިންގެ ކަށީގެ މައްސަލަތަކަށް ޚާއްޞަ ޑޮކްޓަރު ބައްލަވަން ހަމަޖެހިފައިވެއެވެ. މި ޑޮކްޓަރަށް ދެއްކުމަށް 30 ކުއްޖަކު ނަންނޯޓްކޮށްފައިވެއެވެ.