ޚަބަރު

މުފްތީގެ ފުރަތަމަ ދަރުސް ހާސްވުމާ ކަންބޮޑުވުމުގެ މައްޗަށް


އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދެއްވާ ފުރަތަމަ ދީނީ ދަރުސް މިރޭ ކާނިވާ ސަރަޙައްދުގައި އޮންނާނެއެވެ.

މުފްތީ މެންކް ރާއްޖެވަޑައިގެންފައިވަނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާގެ މި ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މުފްތީގެ މި ދަތުރުފުޅުގެ ތެރެއިން މިމަހުގެ 28 އިން 31 އަށް މާލެއާއި، ހުޅުމާލޭގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ޚާއްސަ ދަރުސްތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މުފްތީގެ ފުރަތަމަ ދަރުސް އޮންނާނީ މިރޭ 20:45 ގައި ކާނިވާ ސަރަޙައްދުގައެވެ. މިރޭގެ ދަރުސް ޚާއްސަކޮށްފައިވަނީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް" ނުވަތަ "ދެރަވެ މާޔޫސްވުމާއި، ހާސްވުމާއި، ކަންބޮޑުވުން" މި މައުޟޫޢުށެވެ. އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ދަރުސް ޕީ.އެސް.އެމްގެ ޗެނަލްތައްކަމަށްވާ ޓީވީއެމް، މުންނާރު ޓީވީ، ދިވެހިރާއްޖޭގެ އަޑު އަދި ދީނުގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަން:

- މާލެ ސިޓީ : އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި
- ފުވައްމުލައް ސިޓީ : އޮކްޓޯބަރު 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި
- އައްޑޫ ސިޓީ : އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި
- ހުޅުމާލެ : އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މުފްތީގެ މި ދަތުރުފުޅުގެ ތެރެއިން ދެއްވާ ހުރިހާ ދަރުސްތަކެއްގެ މައުޟޫޢުތައް އަމާޒުކޮށްފައިވާނީ މުޖުތަމަޢުގައި ހުރި މުހިންމުކަންތައްތަކަށް ޚާއްސަކޮށްގެންކަމަށެވެ. އެގޮތުން މާތްﷲ އާއި އިންސާނާއާއި ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތަކާއި، އިސްލާމް ދީނުން ދަސްކޮށްދޭ ރިވެތި އުޞޫލުތަކާ އަޙްލާޤާ ގުޅޭގޮތުން މުފްތީ ތަޤުރީރުކުރައްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް ޚާއްސަކޮށްގެންވެސް މުފްތީގެ ދަރުހެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މުފްތީއަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާއި ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ ޒިމްބާބްވޭއަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އެގޮތުން މިއީ އޭނާ ދިވެހިރާއްޖެއަށް ވަޑައިގެންނެވި 4 ވަނަ ފަހަރެވެ. މީގެ ކުރިން 2020 ވަނަ އަހަރާއި، 2016 އަދި 2015 ވަނަ އަހަރުވެސް މުފްތީ ވަނީ ރާއްޖެ ވަޑައިގެން އެކި މައުޟޫޢުތަކަށް ދީނީ ދަރުސް ދެއްވިއެވެ.