ޚަބަރު

އެންމެ ބޮޑު އެއް ބަނދަރާއެކު ދިއްދޫގެ އިޤްތީޞާދީ ހަރަކާތްތައް އައު ހަރުފަތަކަށް


ދިއްދޫ ބަނދަރު ބޮޑުކުރުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢުއާއެކު، ރަށުގެ ބަނދަރުގެ ޖާގައިގެ މައްސަލަ މުޅިން ޙައްލުވާނެކަމަށް ދިއްދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ހއ.ދިއްދޫ ބަނދަރަކީ އަތޮޅުގެ އެންމެ މުހިންމު ބަނދަރެވެ. އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ބަނދަރެވެ.

ތިލަދުންމަތީ އުތުރުބުރީ ދިއްދުއަކީ ފަސްހާހާއި ގާތްކުރާ އާބާދީއެއް އޮތް އުތުރުގެ އިޤްތިޞާދުގައި މުހިންމު ރަށެކެވެ. އަތޮޅުގެ އެކި 13 ރަށުގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ އެކި ބޭނުންތަކަށް ދިއްދޫއަށް ބަރޯސާވެއެވެ. އެހެންކަމުން އެރަށުގައި އޮތް ބަނދަރަކީ ފަސޭހަ އަދި ޖާގައިގެ ގޮތުން ތަނަވަސް ބަނދަރަކަށް ވުމަކީ ދިއްދޫގެ އިތުރުން އެ އަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެ ބޮޑު ފަސޭހައެކެވެ.


ދިއްދޫގެ އާބާދީ އިރުވަމުން އަންނަ މިންވަރަކަށް، ރަށުގައި ބޭނުންކުރާ ކަނޑު އުޅަނދުތައްވެސް ވަނީ އިތުރުވެފައެވެ. ދިއްދޫގައި މިހާރު އޮތް ބަނދަރަކީ ގާތްގަނޑަކަށް 300މީޓަރު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ. އެ ރަށުގެ ބަނދަރު އެންމެ ބޮޑަށް ބޭނުންކުރަނީ، ކައިރި ރަށްތަކުން ދަތުރުކުރާ އުޅަނދުތަކާއި، މުދާ އުފުލާ ބޯޓުފަހަރަށެވެ.

އަތޮޅުގެ ވެރިކަންކުރާ ރަށް ދިއްދޫގައި މިހާރު އޮތް ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އެތައް ތަކުލީފެއް ރައްޔިތުން އުފުލަންޖެހެއެވެ. އެކި ބޭނުންތަކަށް ދިއްދޫއަށް ދާ އުޅަނދުތައް ބަނދަރާއި ކައިރިނުކުރެވި އެތައް ވަގުތެއް ހޭދައެވެ. މީގެ އިތުރުން އުތުރުގައި ދަތުރުފަތުރުގެ ނިޒާމު މިހާރު ފަށައިގެން ކުރިއަށްދާއިރު، ބަނދަރުގެ ބޮޑު ބައެއް ފެރީތަކަށްވެސް ބޭނުންވެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދް ވިދާޅުވީ އައު ތަނަވަސް ބަނދަރެއްގެ ބޭނުން ދިއްދުއަށް ބޮޑުކަމަށެވެ. ދިއްދޫއަކީ ސަރުކާރުގެ ގިނަ ޚިދުމަތްތަކެއް ލިބޭ ރަށަކަށްވުމާއި، ޑޮކްޓަރަށް ދެއްކުންފަދަ ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް ރަށަށް ގިނަ ބަޔަކު އަރާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މުޅި އަތޮޅުންވެސް އެންމެ ބޮޑަށް ބަރޯސާވާ ރަށަކީ މިއީ. ދޯނިތައް އަދި ބޯޓުފަހަރު އައިސް މީހުން އަރާ ފޭބުމާއި، މުދާ ބޭލުންފަދަ ކަންކަމަށް ވަރަށް ދަތިވޭ. ދިއްދޫގެ އާ ބަނދަރުގެ މަސައްކަތަކީ މުޅި މި އަތޮޅަށް ލިބޭނެ ފައިދާއެއް." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބަނދަރުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް ދިއްދޫ ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކުރީ، 2021ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

މިކަމުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް، މަސައްކަތުގެ %50 މިހާރުވަނީ ނިމިފައެވެ. ބަނދަރު މަސައްކަތުގެ ތެރެއިން އެއްގަމު ތޮށީގެ މަސައްކަތްތައްވެސް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތާ އާ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތެވެ.

ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގައި ބަނދަރަށް 326 މީޓަރުގެ އެއްގަމު ތޮށި އިތުރުކުރެއެވެ. އަދި 616 މީޓަރުގެ ސަރަޙައްދުގައި ބޭރު ތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މިއާއެކު މި ބަނދަރު ވެގެންދާނީ، ރާއްޖޭގެވެސް އެންމެ ބޮޑެތި ބަނދަރުތެރެއިން ބަނދަރަކަށެވެ. ރަޝީދު ވިދާޅުވީ އައު ބަނދަރާއެކު ދިއްދޫގެ އިޤްތިޞާދީ ހަރަކާތްތައްވެސް ފުޅާވެގެންދާނެކަމަށެވެ.

"ބަނދަރު ނިމުމުން، ބަނދަރު ބޭނުންކުރެވޭ ސަރަޙައްދުތައް ތަރުތީބުކުރާނަން. މުދާ އުފުލާ ބޯޓުފަހަރި ކައިރިކުރުން، ފެރީ ކައިރިކުރަން، މުދާ އެރުވުމަށް، މީހުން އަރާ ފޭބުމަށް. މިގޮތަށް ވަކި ސަރަޙައްދު ކަނޑައާޅާނަން. އޭރުން ބަނދަރުގެ މައްސަލަ މުޅިން ޙައްލުވާނެ." އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ކައުންސިލް ރައީސް ވިދާޅުވީ ދިއްދޫގެ ބަނދަރަކީ، މިހާތަނަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކަށް އައު ބަނދަރާއެކު ބޮޑު ހަލެއް ލިބިގެންދާނެއެވެ.

މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 69.8 މިލިއަން ރުފިޔާއަށެވެ. އަދި އަމާޒުކޮށްފައި ވަނީ އަންނަ އަހަރުގެ ތެރޭގައި މަޝްރޫޢު ނިންމުމަށެވެ.